އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް މަރުވުން ވެގެން ދިޔައީ އެގައުމުގެ އެންމެންނަށްވެސް ކުރިމަތިވި ހިތްދަތި ދުވަހަކަށެވެ.

ލަތާއަކީ މުޅި އިންޑިޔާގައި ވެސް ފާހަގަކޮށްލެވޭ ފެންވަރުގެ މޮޅު ލަވަކިޔުންތެރި އެކެވެ. އަދި ގިނަ އެވޯޑުތަކެއް ހާސިލްކުރި މި ލަވަކިޔުންތެރިޔާގެ އިއްޒަތުގައި އެންމެ މަތީ ފެންވަރުގެ ޖަނާޒާއެއް އިންޑިއާ ސަރުކާރުން ވަނީ ބާއްވާފަ އެވެ.

ލަތާގެ އެ ޖަނާޒާގައި ބޮލީވުޑްގެ ގިނަ ފަންނާނުން ފަހު ފަހަރަށް ލަތާ ދެކިލުމަށް އައިސްފައިވެ އެވެ.

އޭގެ ތެރޭގައި މުސްލިމް ފަންނާނުންވެސް ހިމެނޭއިރު، ޝާހުވެސް އޭނާގެ އަންހެނުންނާއި އެކު ލަތާގެ ޖަނާޒާގައި ބައިވެރިވެފައިވެ އެވެ. އެހެންނަމަވެސް ލަތާގެ ގަބުރަށް ކައިރި ހުރެ މަހާނައަށް ކުޅު ޖެހިކަމަށް ގިނަ ބަޔަކު ވަނީ ޝާހުއަށް ތުހުމަތުކޮށްފަ އެވެ. އަދި އެއީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށް އާންމުންނާއި މީޑިއާއިން ބުނި ނަމަވެސް ބައެއް ފަންނާނުން ވަނީ ޝާހުގެ ދިފާއުގައި ނިކުމެ މީޑިއާތަކަށް ރައްދުދީފަ އެވެ.

އެގޮތުން އިންޑިއާގެ ނޫހަކަށް މައުލޫމާތުދެމުން ރާކީ ސާވަންތް ވަނީ އާންމުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެއް ދީނެއްގެ ބައެއް ނޫންކަމުގައި ވީނަމަވެސް ޝާހު ލަތާ ދެކިލުމަށް ގޮސް، ގަބުރު ކައިރީގައި ދުއާ ކުރުމުން އެކަމަށް އާންމުން ފާޑުކިޔަން ލަދުގަންނަން ޖެހޭކަމަށް ރާކީ ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކުޅު ޖެހީކަމަށް ބުނެ ގިނަ ބަޔަކަށް އޮޅުން އަރާފައިވާކަމަށާއި، ޝާހު މާސްކު ނެގީ ދުއާކުރުމަށް ފަހުގައި ފުމެލުމަށް ކަމަށް ރާކީ ބުނެފައިވެ އެވެ. އިސްލާމް ދީނުގައި ދުއާ ކުރުމަށް ފަހުގައި ފުމެލުމަކީ އާންމުކަމެއް ކަން ފާހަގަކޮށް ރާކީ ބުނީ އެކަން ގިނަ ބަޔަކު ނެގީ މުޅިން ގޯސްކޮށް ކަމަށެވެ. އަދި ޝާހު އަށް އެއްޗިހިކިޔުން ހުއްޓާލަން ޖެހޭކަމަށާއި، ނުރުހުން ފާޅުކުރާ ބަސްތައް އާންމުކުރުން ހުއްޓާލަންޖެހޭކަމަށް ރާކީ ވަނީ ބުނެފަ އެވެ.

މުމްބާއީ ބްރީޗް ކެންޑީ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް ލަތާ މަރުވީ މިމަހުގެ ހަވަނަ ދުވަހު އެވެ. ލަތާ އަކީ ބޮލީވުޑްގައި ލަވަކިޔުމުގެ އިތުރުން މިއުޒިކް ޑައިރެކްޓްކޮށްދީ، ޕްލޭބެކް ސިންގިންގައި ބޮޑު ރޯލެއް އަދާކޮށްދީފައިވާ ފަންނާނެކެވެ.