ހަނދާނަކީ އިންސާނަކު ދިރިހުރުމަށް ޓަކައި ކޮންމެހެން މުހިއްމު އެއްޗެކެވެ. ހަނދާން ނެތުން ނުވަތަ ހަނދާނުގައި ބައި ދަށް ވެއްޖެ ނަމަ ދިރިއުޅުމުގައި އެތަކެއް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެ އެވެ.

ތިބާ އަކީ ހަނދާނުގެ ބައި ބަލި ނުވަތަ ހަނދަން ނެތުމުގެ މައްސަލަތައް ދިމާވާ މީހެއް ނަމަ އެކަންކަން ރަނގަޅު ކުރުމަށް ބައެއް ވައްތަރުގެ ކާނާ ބޭނުން ކުރެވިދާނެ އެވެ.

މަސް

މަހުގެ ތެރެއިން ވެސް ހާއްސަ ގޮތެއްގައި ތެޔޮ މަސްތަކުގައި ގިނަ އަދަދަކަށް ޑީއެޗްއޭ އެކުލެވިގެން ވެ އެވެ. ޑީއެޗްއޭ އަކީ އޮމެގާ-3 ފެޓީ އެސިޑުގެ ބާވަތަކެވެ. އެ މާއްދާ އަކީ ސިކުނޑީގެ ސެލްތަކުގެ ރައްކާތެރިކަމާއި ސިއްހަތަށް ވަރަށް މުހިއްމު މާއްދާއެކެވެ. މެކެރެލް، ޓޫނާ ސަލްމަން ސާޑައިންސް ފަދަ މަސްތަކަކީ ޑީއެޗްއޭ ގިނަ އަދަދަކަށް އެކުލެވޭ މަސްމަހެވެ.

ވޯލްނަޓްސް

ވޯލްނަޓު ކެއުމުން ސިކުނޑީގައި މައުލޫމާތު ރައްކާކޮށް ދިނުން އިތުރުކޮށްދެ އެވެ. އޭގައި އޮމްގާ-3 އެސިޑު އެކުލެވިގެން ވެ އެވެ. ހަމައެހެންމެ ވޯލްނަޓުގައި ވިޓަމިން އީ ވެސް ގިނަ އަދަދަކަށް އެކުލެވިގެން ވެ އެވެ. ވިޓަމިން އީ އަކީ ވަރަށް ބާރުގަދަ އެންޓި އޮކްސިޑެންޓެކެވެ. އެހެންކަމުން ވޯލްންޓު ކެއުމުން ސިކުނޑީގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދީ ސިކުނޑި ރައްކާތެރި ކޮށްދެއެވެ.

އަލްމަންޑު

ވޯލްނަޓް އެކޭ އެއްފަދައިން އާމަންޑުގައި ވެސް ގިނަ އަދަދަކަށް އޮމެގާ-3 އެސިޑެއް ކަމަށްވާ އޭއެލްއޭ އެކުލެވިގެންވެ އެވެ. ހަމައެހެންމެ ރެޑިކަލްސް އާ ހަނގުރާމަ ކުރާ ވިޓަމިން އޭ ވެސް އާމަންޑުގައި އެކުލެވިގެންވެ އެވެ. އޭގެ އިތުރުން ނާރުގެ ނިޒާމަށް މުހިއްމު މާއްދާ އެއް ކަމަށްވަ ވިޓަމިން ބީ 6 ވެސް އާމަންޑުގައި އެކުލެވިގެންވެ އެވެ.

އެވޮކާޑޯ

ސިކުނޑީގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދޭ ފެޓީ އޮއިލް އެވޮކާޑޯގައި އެކުލެވިގެންވެ އެވެ. ހަމައެހެންމެ އެވޮކާޑޯ އަކީ ލޭ ދައުރުވުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ. އެ މޭވާ ކެއުމުން ސިކުނޑިއަށް ބޭނުންވާ މުހިއްމު މާއްދާތަކާއި އޮކްސިޖަން ފަސޭހަ ކަމާއެކު ސިކުނޑިއަށް ފޯރުކޮށް ދެވެ އެވެ.

ޑާކު ޗޮކްލެޓް

ޑާކު ޗޮކެލަޓަކީ ވެސް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވިގެންވާ ކާނާ އެކެވެ. ޑާކު ޗޮކްލެޓު ކެއުމުން ސިކުނޑީގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދޭނެ އެވެ.

ފިޔާ

ހަނދާނުގެ ބައި ގަދަ ކުރަން ބޭނުން ނަމަ ފިޔަލަކީ ވެސް ވަރަށް މުހިއްމު ތަރުކާރީއެކެވެ. އެގޮތުން ކެއްކުމުގައްޔާއި އެކި ވައްތަރުގެ ކާނާ ތައްޔާރު ކުރުމުގައި ގިނަ އަދަދަކަށް ފިޔާ ބޭނުން ކުރާށެވެ. ފިޔަލުގައި އެންތޮސިޔަނީން އާއި ކުއާސެޓިން ނަމަކަށް ކިޔާ ދެ އެންޓޮއޮކްސިޑެންޓެއް އެކުލެވެ އެވެ. އެ ދެ އެންޓޮއޮކްސިޑެންޓަކީ ސިކުނޑީގެ ސެލްތައް ހަލާކު ވުމުން ރައްކާތެރިކޮށްދޭ ދެ އެންޓޮއޮކްސިޑެންޓެކެވެ.

މާމުއި

މާމުއިގައި ވެސް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވެ އެވެ. މާމުއި ބޭނުން ކުރުމުން ހަށިގަނޑަށް ހަކަތަ ލިއްބައި ދެ އެވެ. ހަމައެހެންކަމުން މާމުއި ބޭނުން ކުރުމުން ސިކުނޑި ވަރުބަލިވުމުން ދުރުކޮށްދީ، ސިކުނޑީގެ ސެލްތަކަށް ގެއްލުން ލިބޭ މިންވަރު ދަށްކޮށްދެ އެވެ.