މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.
މި ބައްދަލްވުމަށް މާލެ ސިޓީގެ ރައީސް ޝިފާ މުހައްމަދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ ކުރީން ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތައް ނިންމުމަށް އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވުމަށް ގަރާރެއް ހުށައެޅުއްވާ ކޮންގްރެސް ބާއްވާނެ ތާރީހަކީ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަސް ކަމަށް ހުށައަޅުއްވާފަ އެވެ.
މި ގަރާރަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. މި ހުށައެޅުން މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސް ކޮށްފަ އެވެ.
މި ގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެންމެ ބޮޑު އަމާޒަކަށް ވާން ޖެހޭނީ 2023ވަނަ އިންތިޚާބު ކާމިޔާބު ކުރުން ކަމަށެވެ.
މީގެ އިތުރުން ވެސް އިތުރު ދެ ހުށައެޅުން މިރޭ ވަނީ ފާސްކޮށްފަ އެވެ. އެއީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ މަގާމުތަކުގެ ތެރެއިން ޕާލިމަންޓަރީ ގުރޫޕްގެ މަގާމުތައް ފިޔަވާ އެހެން މަގާމުތަކުގެ މުއްދަތަކީ މީލާދީ ގޮތުން ފަސް އަހަރު ކަމަށް ކަނޑައެޅުމާއި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ހުރިހާ މަގާމެއް ވެސް ހިނގަމުންދާ މުއްދަތު ހަމަވުމުގެ ކުރިން އައު އިންތިހާބެއް ބާއްވާ ދާއިމީ ނަތީޖާ އިއުލާނު ކުރަން ޖެހޭނެ ކަމަށް ބުނާ އިސްލާހެކެވެ. އަދި އެއްވެސް ސަބަބަކާ ގުޅިގެން މަގާމެއް ހުސްވެއްޖެނަމަ އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އިންތިހާބަށް އިއުލާނު ކުރަން ޖެހޭނެ ކަމަށް ބުނާ އިސްލާހެވެ.
އެމްޑީޕީގެ އިންތިހާބުތަކަށް ގައުމީ މަޖިލީހުން ވަނީ ތާރީހުތަކެއް ކަނޑައަޅާފައި. އެއީ:
- ޗެއާޕާސަންގެ އިންތިހާބު - 16 އޭޕްރީލް 2022
- އަންހެނުންގެ ރޫހުގެ އިންތިހާބު - 16 އޭޕްރީލް 2022
- ޒުވާނުންގެ ހިތްވަރުގެ އިންތިހާބު - 16 އޭޕްރީލް 2022
- އެމްޑީޕީގެ ކޮންގްރެސް - 4 އޮގަސްޓް 2022
- އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ އިންތިހާބު - 18 ފެބްރުއަރީ 2022
އެމްޑީޕީގެ ކޮންގްރެސް އަށް ހުށައެޅުމަށް ނިންމާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި 30 އިން ސައްތަ ލިބޭ ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ކުރިން ގާނޫނު އަސާސީ އަށް އިސްލާހު ހުށައެޅުން ހިމެނެ އެވެ.