ސިލޯނު ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މައްސަލައާ ގުޅުންހުރި އިތުރު ތިން މީހެއްގެ ވަނަވަރު ފުލުހުން އާއްމުކޮށްފި އެވެ.

މިއީ މި މައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރުކުރި ތިން މީހުންނެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިމަހުގެ 1، 2 ވަނަ ދުވަހު ބެލުމުގެ ދަށަށް 3 މީހަކު ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ގ. ރޮބިންސް، މުޙައްމަދު މާހީން މަދީޙް 20، އާއި ސ.ފޭދޫ، ރަންކޮކާގެ އަޙްމަދު މާހިލް ސައީދު 21އ، ގެ އިތުރުން ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު އަޒުމީން 30އ. އެވެ.

މި މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހިމެނޭ ގޮތަށް މިހާތަނަށް މި މައްސަލާގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިދިޔަ މަހުގެ 31ވަނަ ދުވަހު ފުލުހުންވަނީ، މި މައްސަލައާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރި 4 މީހުންގެ ވަނަވަރު އާއްމުކޮށްފައެވެ. މިހަތަރު މީހުންނަކީ ވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ ހަތަރު މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

ރޫޓް ފިހާރައިން ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ފައިސާތައް ފޭރެން މަސައްކަތްކުރީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހެކެވެ. މި މީހުން ހުއްޓުވާފައިވަނީ ބީއޯސީގެ ސެކިއުރިޓީ ގާޑާއި، ރޫޓްގެ މުވައްޒަފުނެވެ.