މަޑިވަރުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް ކެމްޕެއިންކުރި މުހައްމަދު ކާރިމް މަޑިވަރު އެއާޕޯޓުގެ މެނޭޖަރަކަށް ހަމަޖައްސައިފި އެވެ.

ކާރިމް އާއި އަދި ވެސް އިތުރު މީހުން ބައިވެރިވެގެން މަޑިވަރުގައި އެއާޕޯޓް އެޅުމާއި ދެކޮޅަށް އަޑުއުފުލީ 2018 ވަނަ އަހަރު އެވެ. އެދުވަސްވަރު އެމީހުން ވަނީ އޭރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސް ސޯލިހާއި، އަދި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމާއި ވެސް ބައްދަލު ކޮށްފަ އެވެ. އެބައްދަލުވުންތަކުގެ ފޮޓޯތައްވެސް މިހާރު އަންނަނީ ދައުރުވަމުންނެވެ. މިކަމާގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުވެސް ކިޔަމުންނެވެ.

މަޑިވަރު އެއާޕޯޓަކީ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުރެއްދޫ ހޯލްޑިންގްސް ކުންފުނިން ތަރައްޤީ ކުރި އެއާޕޯޓެކެވެ. އެތަން ހިންގުން ހަވާލުކޮށްފައިވަނީ އައިލޭންޑް އޭވިއޭޝަނާ އެވެ. އެ އެއާޕޯޓުގެ ގިނަ މަޤާމުތަކަށް ހަމަޖައްސާފައިވަނީ އެމްޑީޕީ އެކްޓިވިސްޓުން ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެތެރޭގައި އެ އެއާޕޯޓު ހެދުމާއި ދެކޮޅު ކެމްޕެއިންގައި ބައިވެރިވި މީހުންވެސް ހިމެނެ އެވެ.

މަޑިވަރު އެއާޕޯޓު ރަސްމީކޮށް އަންނަ ހުކުރު ދުވަހު ރައީސް ސޯލިހު ހުޅުއްވާ ދެއްވާނެ އެވެ.