ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއް ރޭޕްކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް ކޯޓުން އިއްވި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

މި މައްސަލައަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ފަހާ ތަނެއްގައި މަސައްކަތް ކުރި ދެ ބިދޭސީއަކާއި ދިވެއްސަކު، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ އަނިޔާކުރުމާއި ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ. އެ ކުއްޖާ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާކަން އާއިލާއަށް އެނގުނީ ދެމަހުގެ މައްސަރު ކަންތައް ދިމާނުވުމާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމުންނެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމުން އެކުއްޖާ ބަނޑު ބޮޑުވެފައިވާކަމާއި ބަނޑަށް 19 ހަފްތާ ވެފައިވާކަން އެނގުނު ކަމަށްވެ އެވެ. އަދި އާއިލާއިން ކުއްޖާ ގާތު އެހުމުން، ކަން ހިނގައިދިޔަ ގޮތް އެ ކުއްޖާ ވަނީ ކިޔައިދީފަ އެވެ.

މި މައްސަލައިގައި ދައުވާ އުފުލި ދިވެހި މީހާކަމަށްވާ ހ. ރެދަން، އަބްދުއްރަހީމް ގާސިމް ވަނީ ދައުވާއިން ސަލާމަތްވެފަ އެވެ. އަދި ދައުވާ ސާބިތުވި ބަންގްލަދޭޝަށް ނިސްބަތްވާ ދެމީހުންނަށް ކްރިމިނަލް ކޯޓުން ވަނީ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

މި މައްސަލަ ކޯޓުން އިސްތިއުނާފް ކޮށްފައިވާއިރު، މައްސަލައި ހުކުމުގައި، އަނިޔާ ލިބޭ ކުއްޖާގެ ހެއްކަކީ އެންމެ ބޮޑު އަދި ބާރު ހުރި ހެކި ކަމުގައި ކަނޑައަޅައި ހައި ކޯޓުން ވަނީ ބަޔާންކޮށްފަ އެވެ.

މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާކަން ކިޔައިދީފައިވަނީ އެކަން ހިނގިތާ ދެމަސް ފަހުންނެވެ. އެހެންނަމަވެސް އެއީ އެކުއްޖާގެ ބަސް ގަބޫލުނުކޮށް ދޫކޮށްލެވޭނެ ސަބަބެއް ނޫންކަމަށް ހައި ކޯޓުން ވަނީ ބުނެފަ އެވެ.