ސައޫދީ އަރަބިއާގެ އަލް ބަހާ ނަމަކަށް ކިޔުނު ސަރަހައްދެއްގައި ދިރިއުޅޭ މީހެއްގެ ގެއަށް ރާމާމަކުނުތަކެއް ވަދެ ދިން ހަމަލާއެއްގައި އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ބެބޫން ނަމަަކަށް ކިޔާ ރާމާމަކުނުތަކެއް އޭނާގެ ގެއަށް ވަދެގަތް އިރު މާޖިދު އަލް ގަމްދީ ހުރީ އޭނާގެ ބަގީޗާގަ އެވެ. ރަމާމަކުނުތައް ވަނީ އޭނާގެ ދެއަތަށާއި ބުރަކަށްޓަށް ހަމަލާދީފަ އެވެ.
ގަމްދީއަށް އެ ރާމާމަކުނުތައް ހަމަލާދީފައިވަނީ އޭނާގެ ބައްޕައަށް ހަމަ އެ އާއިލާގެ ބެބޫން ރާމާމަކުނުތަކެއް ހަމަލާ ދިންތާ މަހެއް ވެސް ނުވަނީހެވެ.
ގަމްދީގެ ހަޅޭކުގެ އަޑުއިވި އެގެއަށް އައި އަވަށްޓެރިންގެ ބަޔަކު ވަނީ ރާމާމަކުނުތައް ފައްސާލައި އޭނާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މީގެ ކުރިން ގަމްދީގެ ބައްޕައަށް ރާމާމަކުނުތައް ހަމަލާ ދިނުމުން އޭނާ ވަނީ ކަމާބެހޭ ފަރާތްތަކަށް އެކަމުގެ ރިޕޯޓް ހުށައަޅާފަ އެވެ. އެގޮތުން ނެޝަނަލް ސެންޓަ ފޯ ވައިލްޑް ލައިފް ޑިވެލޮޕްމަންޓްގެ ޓީމެއް ވަނީ އެގެއަށް އައިސް އެ ސަރަހައްދު ދިރާސާކޮށްފަ އެވެ.
މި ހާދިސާއާއެކު އެސެންޓަރުން ވަނީ ވަލު ޖަނަވާރުންނަށް ކާންދިނުން ހުއްޓާލުމަށް އާއްމުންނަށް އިލްތިމާސް ކޮށްފަ އެވެ. އަދި މީހުން ދިރިއުޅޭ ހިސާބުތަކުގައި މިފަދަ ޖަނަވާރުން އުޅޭ ނަމަ ރިޕޯޓު ކުރެވޭނެ އޮންލައިން ނިޒާމެއް ވެސް އެ ސެންޓަރުން ވަނީ އުފައްދާފަ އެވެ.
ހަމަދްރްޔަސް ބެބޫން ރާމާމަކުނަކީ ސައޫދީ އަރަބިއާގެ ހުޅަނގު ދެކުނުގެ ފަރުބަދަމަތީ ހިސާބުތަކުގައި އުޅޭ ޖަނަވާރެއް ނަމަވެސް ކާބޯތަކެތި ހޯދުމަށް އާއްމުން ދިރިއުޅޭ ހިސާބުތަކަށް އަންނަ ރާމާމަކުނުތަކެކެވެ.