ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ހޯދައި ލިބިގަތުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ހިދުމަތާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި އެއްބަސްވުމާ އެކު، ދިވެހި ފުލުހުންގެ ހިދުމަތާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން މާލެއާއި ވިލިމާލޭގެ މަގުތަކާއި، ޕާކުތަކާއި، މައިދާންތަކުގެ އިތުރުން ޕޭވްމަންޓްމަތީގައި ނުވަތަ އާންމު ތަންތަނުގައި ގަވާއިދާ ހިލާފަށް ތަކެތި ބަހައްޓާ ފަރާތްތައް ހޯދައި އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، އެފަދަ ފަރާތްތަކުގެ މައުލޫމާތު ދެނެގަތުމުގައި ކައުންސިލަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
މިއާއިއެކު މާލެ ސިޓީގެ މަގުތަކާއި، ހުސްބިންތަކާއި، ޕާކުތައް އަދި މައިދާންތަކާއި، ވިޔަފާރިކުރާ ސަރަހައްދުތަކުގައި ހުއްދަ ނުނަގައި ހިންގާ ކަންކަން ބަލައި، އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެފަރާތްތަކުގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކައުންސިލާ ހިއްސާކުރާނެ އެވެ. އަދި އެފަދަ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ އެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ މި އެއްބަސްވުމުގެ ސަބަބުން މާލެ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށްވާ ކުނީގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މާލެ ސިޓީގެ މަގުތަކާއި އެނޫންވެސް ތަންތަނަށް ކުނިއަޅާ މީހުންގެ އަމަލުތައް ހުއްޓުވައި، ކުނިއަޅާ މީހުން ދެނެގަނެ އެމީހުން ޖޫރިމަނާ ކުރުމުގެ ގޮތުން ދޭންޖެހޭ ލިޔުންތައް ދިނުމާއެކު އެމީހުންގެ މައުލޫމާތު ފުލުހުން މާލެ ސިޓީ ކައުންސިލާ ހިއްސާކުރަމުން ދާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމަށް ވެވުނު އެއްބަސްވުމުގައި މިއަދު ސޮއިކުރެވުނު ނަމަވެސް މި ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކަށް ގާތްގަނޑަކަށް ތިންމަސް ދުވަސް ހޭދަވާނެ ކަމަށެވެ.
"މިއަދު މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި މިކުރެވުނީ. މާނައަކީ ވަގުތުން މާދަމައިން ފެށިގެން ޚިދުމަތް ފަށަނީކީ ނޫން. މިކަމަށް ފުލުހުން ތަމްރީނުކޮށް މަގުމައްޗަށް ނެރުމަށް ތިންމަސްދުވަސް ނަގާނެ. ގިނަވެގެން ތިންމަސް ތެރޭގައި ފެށޭނެ،" މޭޔަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ތައްޔާރުކޮށް ހުށަހަޅާފައިވާ މާލެ ކޮމިއުނިޓީ މޮނިޓަރިން ސްޕެޝަލް ކޮންސްޓެބިއުލަރީ ޚިދުމަތުގެ ޕްރޮޕޯސަލްގައި ހިމެނިފައިވާ ބަޖެޓު ފާސްކުރުމަށް އެދި މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 32 ވަނަ އާންމު ޖަލްސާގައި ހުށަހެޅި ހުށަހެޅުން، ޖަލްސާގައި ބައިވެރިވެވަޑައިގަތް ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ. އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހޯދާ ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތަށް ބޭނުންވާ ބަޖެޓު ހަމަޖައްސާނީ މާލެ ސިޓީ ކައުންސިލުންނެވެ.
މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށްޓަކައި ހަރުދަނާ މަސައްކަތްތަކެއް ކުރިއަށްގެންދިއުމެވެ.