މުޅި ރާއްޖޭގެ އާބާދީ ވާނީ 500 ކަމަށް ކަރަން ސިންގް ގްރޯވަރު ބުނެފި އެވެ.

ބިޕާޝާ ބާސޫ އާއި ކަރަން ދާދި ފަހުން ކަޕިލް ޝަރްމާ ޝޯގައި މެހެމާނުންގެ ގޮތުގައި ފެނިފައިވާއިރު، ކަޕިލް ވަނީ ކަރަން އޭނާގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއެއް ދައްކާލާފަ އެވެ.

އެ ފޮޓޯގައި ކަރަން ފެނިގެންދަނީ ރާއްޖޭގެ ރިސޯޓެއްގެ ޕޫލަކަށް އެރިި އޮއްވަ އެވެ. އަދި ޕޫލުގައި ކެވޭ ގޮތަށް ފްލޯޓިން ފުޑް ޓްރޭ ކައިރީގައި ހުއްޓި ހުރި މަންޒަރު ފެންނަ ފޮޓޯ ބެލުމަށްފަހު އަރްޗަނާ ޕޫރަން ސިންގް ވަނީ އާންމު ގޮތެއްގައި މިހާރު ފްލޯޓިން ޓްރޭގެ ހިދުމަތް ދޭތަން އެންމެ ގިނައިން ފެނިގެންދަނީ ރާއްޖޭގައި ކަން ފާހަގަކޮށްފަ އެވެ.

އަރްޗަނާ އެފަދައިން ބުނުމާއެކު މިހާރަކަށް އައިސް ބޮލީވުޑްގެ ހުރިހާ ފަންނާނުން ކުއްލިއަކަށް ރާއްޖެ ދާކަން ކަޕިލް ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ބޮލީވުޑްގެ ތަރިން މާގިނައިން ރާއްޖެ ދަނީ ޑިސްކައުންޓް ލިބެނީތޯ ކަޕިލް ވަނީ ސުވާލުކޮށްފަ އެވެ.

ނަމަވެސް އެއަށް ރައްދުދެމުން ބިޕާޝާ ބުނީ، ބޮލީވުޑްގެ ގިނަ ތަރިން ދާން ފެށުމުގެ މާކުރިން އެ މީހުން ރާއްޖެ އަންނަން ފަށާފައިވާ ކަމަށެވެ. އަދި ގަވާއިދުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ދާތާ އެތަކެއް އަހަރުތަކެއް ވެދާނެ ކަމަށް ވެސް ބިޕާޝާ ބުންޏެވެ.

https://www.youtube.com/watch?v=Z-l7IQJFyrE

އެވަގުތު ރާއްޖޭގެ މޫދަށް ތައުރީފުކުރުމަށް ފަހު ކަރަން ބުނީ ރާއްޖޭގައި އުޅެނީ މަދު ބައެއް ކަމަށެވެ. އަަދި މުޅިއަކު ރާއްޖޭގެ އާބާދީ، ވާނީ ގާތްގަނޑަކަށް 500 މީހުން ކަމަށް ކަރަން ބުނެފައިވެ އެވެ. ނަމަވެސް ބިޕާޝާ އެކަމަށް އެއްބަސްނުވެ ކަރަންގެ އަތުގައި ޖަހާލާ މަންޒަރު ވެސް ފެނިގެންދެ އެވެ.

އޭގެ އިތުރުން ކަރަން ބުނީ، ރާއްޖޭގައި ގިނަ އަދަދެއްގެ ރަށްތަކެއް ހުންނަ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް ދިރިއުޅެނީ އެންމެ ގިނަވެގެން ދެތިން މީހުން ކަމަށް ކަރަން ބުނެފައިވެ އެވެ.

ކަރަންގެ މި ޖަވާބަށް އެންމެން އެވަގުތު މަލާމާތްކޮށްފައިވާއިރު، ކަޕިލް ވަނީ ކަރަން އެރޭ ޝޯއަށް އައީ ކޮން އެއްޗެއް ކައިގެންތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް ބިޕާޝާ އެއަށް ޖަވާބުދެމުން ބުނީ އެއީ އަވަހަށް ނިދާތީ، ނިދާގަޑި ކައިރިވުމާއި ގުޅިގެން އަންނަ ޖަވާބުތަކެއް ކަމަށެވެ.