ސޯޝަލް ހައުސިން ސްކީމްގެ ދަށުން ސަރުކާރުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދިނުމަށް ހުއްދަ ހޯދަން ޖެހޭ އުސޫލެއް އެކުލަވާލައިފި އެވެ.

މިގޮތުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ފްލެޓް، އަދި ރޯހައުސް އާއި ގޯތި ފަދަ ތަންތަން އެހެން ބަޔަކަށް ކުއްޔަށް ދެވޭނީ، އެ މަޝްރޫއު ހިންގި ބައެއްގެ އުސޫލުތަކާ އެއްގޮތަށް ހުއްދަ ހޯދައިގެން ކަމަށް ގެޒެޓް ކޮށްފައިވެ އެވެ.

އިއްޔެ ގެޒެޓްކުރި މި ގަވާއިދުގެ ދަށުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ތަންތަން އެއްކޮށް ކުއްޔަށް ދޫނުކުރެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިހާތަނަށް ކުއްޔަށް ދޫކުރި ތަންތަނުގެ ހުއްދަތަށް މިއަދުން ފެށިގެން ބާތިލުވާނެކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ ރޯހައުސްތަކާއި ފްލެޓްތައް އެންމެ ގިނަވެގެން ކުއްޔަށް ދޫކުރެވޭ މުއްދަތަކީ ފަސް އަހަރެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރެވިދާނެކަމަށާއި، އެކަން ކުރާނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ ރޯހައުސްތަކާއި ފްލެޓްތައް ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން މިފަދަ ގަވާއިދެއް އެކުލަވާލާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. މި ގޮތުން ދުވަހު ކުއްޔަށް ހިޔާގެ ބައެއް ފްލެޓްތައް ދޫކުރާކަމަށް ބުނާ ޕޯސްޓްތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.