ސ. މަރަދޫ ފޭދޫ ފަޅު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފި އެވެ

އެ މީހާގެ މަރާ ގުޅިގެން ފުލުހުން ބުނީ، މަރަދޫ ފޭދޫގެ ގެއެއްގައި މަރުވެފައި އޮއްވައި މީހަކު ފެނުނުކަމުގެ ރިޕޯޓު ފުލުހުންނަށް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.

މަރަދޫ ފޭދޫގައި ހުރި ފަޅުގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ފުވައްމުލަކު، ހިތައްފިނިވާގެ، އަލީ އިބްރާހިމް 40، އެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އޭނާ މަރުވެފައި އޮތް ފަޅުގެއަށް ފުލުހުން ގޮސް ބެލި ބެލުމުގައި ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާ އަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މީގެ ކުރިން ވެސް ޑްރަގް އޯވަޑޯޒްވެގެން ފަޅުގެތަކުން މީހުން މަރުވެފައިވާ މައްސަލަތައް ފެންމަތިވެފައިއިރު، މި މައްސަލައިގައި ފުލުހުން މިހާތަނަށް އެފަދަ ކަމެއް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.