ސީރިއާގައި 14 އަހަރަށް ދެމިގެންދިޔަ ނުރައްކާތެރި ދާހިލީ ހަނގުރާމައިގައި އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކާއި ހަނގުރާމަވެރި ކުށްތައް ހިންގާފައިވާތީ، އެ ގައުމުގެ ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ކޮއްކޮ މާހިރުލް އަސަދުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި އެވެ.
ދިމިޝްގުގެ ކްރިމިނަލް ކޯޓުން މިއަދު މި ހުކުމް އިއްވާފައި ވަނީ ބައްޝާރުލް އަސަދާއި އޭނާގެ ކޮއްކޮ މާހިރުގެ ޣައިރު ހާޒިރުގަ އެވެ. މި ދެބޭފުޅުންގެ އިތުރުން، ސީރިއާގެ ދެކުނުގެ ދަރާއާ ޕްރޮވިންސްގެ ސިޔާސީ ސަލާމަތާބެހޭ ކުރީގެ ވެރިޔާ އަދި އަސަދުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އާތިފް ނަޖީބުގެ މައްޗަށްވެސް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.
ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، 2011 ވަނަ އަހަރު ދަރާއާ ޕްރޮވިންސްގައި އަސަދުގެ ސަރުކާރުން އާންމުންނާ ދެކޮޅަށް ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ކަމަށެވެ. މި މައްސަލައިގައި ގަސްދުގައި މީހުން މެރުމުގެ ކުށުގައި ބައްޝާރުލް އަސަދު ކުށްވެރިވާކަމަށް ކޯޓުން ކަނޑައަޅާފައިވާއިރު، އާތިފް ނަޖީބު ކުށްވެރިވެފައިވަނީ ގަސްދުގައި މީހުން މެރުމާއި އާންމުންނަށް ލާއިންސާނީ އަނިޔާކުރުމުގެ ކުށުގަ އެވެ.
ހުކުމް އިއްވުމުގެ މަޖިލީހަށް އާތިފް ނަޖީބު ހާޒިރުކޮށްފައިވަނީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކަކާއެކުގަ އެވެ. އޭނާ ކޯޓަށް ހާޒިރުކުރީ ގައިދީންގެ ހެދުމުގައި، ކޯޓު ރޫމުގައި ހުރި ޖަލު ގޮޅިއެއްގެ ތެރޭގަ އެވެ. އާތިފް ނަޖީބަކީ އަސަދުގެ ދިގުލީ ވެރިކަން ވެއްޓުމަށްފަހު ހައްޔަރުކުރެވުނު އެންމެ މަތީ ފަންތީގެ އެއް އޮފިޝަލެވެ. ކޯޓުން ހާމަކުރި ގޮތުގައި، 2011 ވަނަ އަހަރު ދަރާއާގައި ފެށުނު ސަރުކާރާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމަށް ހިންގި ލޭއޮހޮރުވުންތަކުގެ އިސް މޭސްތިރިއަކީ އޭނާ އެވެ.
ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ކޮއްކޮ މާހިރު މިހާރު ތިއްބެވީ ރަޝިޔާގަ އެވެ. އެ ބޭފުޅުން ސީރިއާ ދޫކޮށް ފިލައިގެން ދިޔައީ މިދިޔަ ޑިސެމްބަރު މަހު ހަނގުރާމަވެރިން ވެރިރަށް ދިމިޝްގަށް ވަދެ، ސަރުކާރުގެ ކޮންޓްރޯލް ނެގުމާ ގުޅިގެންނެވެ.
ސީރިއާގައި ހިނގި މި ދިގުލީ ދާހިލީ ހަނގުރާމައިގައި ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް ބައިނަލްއަގުވާމީ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޕްރޮސެކިއުޝަން މަސައްކަތްތަކަށް އޭއައި ބޭނުންކުރަން ފަށައިފި
ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ
އަޔާޑާގެ އެޑްލީސް ވިއްކާލަން އާ އުކުޅުތަކެއް ބޭނުންކުރަނީ
