އައްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުުއްޓުވުމަކީ، ބަޔަކު ގަސްތުގައި ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫގައި ކުރިއަށް ގެންދާ ކޮންމެ މަޝްރޫއުއެއް ހުއްޓުުމަކީ، އެ ސިޓީގެ ރައްޔިތުން ބިކަކޮށް ބާކީކޮށްފައި ބޭއްވުމަށް ބަޔަކު ގަސްތުގައިި ހިންގާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.

އެގޮތުން އައްޑޫގައި ބިން ހިއްކުމާއި، ޓޫރިޒަމް ޒީން ހަދައި މަގު ހެދުމާއި ދެކޮޅު ހެދުމަކީ ވަރަށް ދެރަ ކަމެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މެމްބަރު ނިހާދު ވިދާޅުވީ، އައްޑޫ ރައްޔިތުން ކުރިއެރުމަށް އޭނާ ބޭނުންވާ ކަމަށެވެ.

މެމްބަރު ނިހާދުގެ ބަހަށް ދެކޮޅުހެދި ބަޔަކަށް އޭނާ ވަނީ މީގެ ކުރިންވެސް ރައްދު ދީފަ އެވެ.

އެގޮތުން ބިން ހިއްކައިގެން އައްޑޫ ތަރައްގީކުރުމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށް ބުނެ ބަޔަކު ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. ހަމައެހެންމެ، އެފަދައިން ކަންތައް ކުރާނަމަ އިއާދަ ނުކުރެވޭފަދަ ގެއްލުންތައް ވުމަކީ ގާތް ކަމެއް ކަމަށް ބުނެ އެމީހުން އެކަމާއި ދެކޮޅުހަދާފައިވެ އެވެ.

އޭގެ އިތުރުން އައްޑޫގެ ބިން ހިއްކައިގެން އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ވެދާނެކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން ހަތް ޖަމިއްޔާއަކުން ވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ.