ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ދިވެހި ހާރިޖިއްޔާއިން ހާމަކޮށްފި އެވެ. އެ މިނިސްޓްރީން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އިރުޝާދާއެކު މިނިސްޓްރީން އެގޮތަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި ދަރިވަރުން ބޭނުންވާ ނަމަ، އެމީހުންނަށް މާލީ ގޮތުން އެހީތެރިވާނެ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެ އެވެ. "އަޅުގަނޑުމެން ޔޫކްރެއިންގައި ތިބި ހުރިހާ އެންމެން ގެންނަނީއެއް ނޫން. މިކޮޅަށް އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ. ޔޫކްރެއިންގެ ބޯޑަރު އަދި ބަންދުނުވޭ. ފްލައިޓްތައް އޮޕަރޭޓް އެބަކުރޭ. ދަރިވަރުންނަށް ކުރިއެކޭވެސް އެއްގޮތަށް ދަތުރުފަތުރު ކުރެވޭނެ." ފޮރިން މިނިސްޓްރީ ބުންޏެވެ.

ޔޫކްރެއިންގައި ހަމަލާއެއް ދީފިނަމަ އެންމެ ނުރައްކާތެރި ސަރަހައްދުގައި މެޑިސިން ކިޔަވާ ވަރަށް ގިނަ ދިވެހި ދަރިވަރުން އެބަތިއްބެވެ. އެގޮތުން ޔޫކްރެއިންގައި 50 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އެބަދެ އެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާ ދިނުމަށް ތައްޔާރުވެ އެ ސަރަހައްދުގައި ހަނގުރާމައިގެ ރަނގަބީލުގެ އަޑު ގަދަވާން ފެށުމާއެކު ޔޫކްރެއިންގައިތިބި އެހެން ގައުމުތަކުގެ މީހުންނާއި ކިޔަވާކުދިން ފޭބުމަށް އެ ގައުމުތަކުންވަނީ އަންގާފަ އެވެ. ދިވެހި ހާރިޖިއްޔާއިން ކުރިން ވަނީ ދިވެހިންގެ ކަންކަން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް ހާރިޖިއްޔާއިން އެދެވޭ އެހީތެރި ކަމެއް ނުދޭ ކަމަށްބުނެ ދަރިވަރުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައިވެ އެވެ. އަދި ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުވެސް ކުރި އެވެ.

ރަޝިއާ ސިފައިން ޔުކްރެއިނަށް އަރަން ނިންމުމުން އެސަރަހައްދުގެ މަސްރަހުވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.