ކައިވެނީގެ ހަފްލާއަކީ ކޮންމެ ދެމަފިރިއަކަށް ވެސް ހާއްސަ ހަފުލާ އެކެވެ. މުޅި އުމުރަށް އެ ހަފުލާއެއްގެ ހަނދާންތައް ހުންނާނެ ހުވަފެނީ ހަފްލާ އެކެވެ.

ނަމަވެސް އޮސްޓްރޭލިއާގެ މި ދެމަފިރިންގެ ކައިވެނި ހަފްލާ ވެގެން ދިޔައީ އެދެމީހުން ހީކުރި ގޮތާ ހިލާފަށް ދިޔަ ހަފްލާއަކަށެވެ. ހަނދާނުގައި ބަހައްޓަން ބޭނުން ނުވާނެ ފަދަ ކަންތައްތަކެއް ދިމާވި ހަފްލާއަކަށެވެ.

ޒުވާން ދެމަފިރިންގެ ހުވަފެނީ ހަފްލާ ހަރާބުވީ ހަފްލާއަށް އައި މެހެމާނުންތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގައި މާރާމާރީ އަކަށް ބަދަލުވި ހިސާބުންނެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން ސިޑްނީގައި ބޭއްވި އެ ހަފްލާގެ މެހެމާނުން ތަކެއް މާރާމާރީއެއް ހިންގަ އެވެ. އޭގެ ތެރެއިން އެކަކު ހޭނެތިފައި އޮތްތަން ފެންނައިރު ބައެއް މެހެމާނުން ދިޔައީ މާރާމާރީ ހުއްޓުވަން ވެސް މަސައްކަތް ކުރަމުންނެވެ.

މިގޮތުން މާރާމާރީ ހުއްޓުވަން އުޅުނު އަންހެނަކާ ދިމާއަށް އޭގެ ތެރެއިން އެކަކު އަތް އިސްކުރި އިރު ހޭނެތިފައި އޮތް މީހާގެ މޭމަތީގައި ކަކޫ ޖަހައިގެން ވެސް ބަޔަކު ތިބެ އެވެ.

މާރާމާރީ ހޫނުވުމާއެކު މަންޒަރު ބަލަން ތިބި މީހުން ވަނީ ފުލުހުންނަށް ގުޅާފަ އެވެ. ނަމަވެސް ފުލުހުންނަށް އާދެވުނު އިރު އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ކައިވެނީގެ ވީޑިއޯތައް އިންޓަނެޓުގައި އާއްމުވެ ގިނަ ބަޔަކު ދަނީ މި ވީޑިއޯތަކަށް އެމީހުންގެ ޝުއޫރު ފާޅު ކުރަމުންނެވެ.