ގައުމަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހުނު މައިގަނޑު އެއް ސަބަބަކީ މިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކެއް އެއްފަހަރާ ދައްކައި ހަލާސްކުރަންޖެހުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ އިތުރުން ވެސް، މާލީ ދާއިރާއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތަދުމަޑުކަމުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ބޭރުގެ ދަރަނި އަދާކުރުމަށްޓަކައި ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ކޭޝްފްލޯއަށް ވަރަށް ބޮޑަށް ބާރުބޮޑުވެގެން ދިޔަ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޑޮލަރުގެ ދަތިކަން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ތަހައްމަލް ކުރަންޖެހުނު އެއް ސަބަބު އެއީ އަޅުގަނޑުމެން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކަންޖެހުން އެއްފަހަރާ. މި ދަތިތައް ހައްލުކުރަން ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މި ދަނީ ކުރަމުން،
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

މިކަމާ ގުޅޭ ގޮތުން މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެންދިޔަ މައިގަނޑު ސަބަބަކީ ބޭރުގެ އައު އިންވެސްޓްމެންޓެއް ނުވަތަ ރީފައިނޭންސް ކުރާނެ އިތުރު ލޯނެއް ނުނަގައި، ރާއްޖޭގެ އިގުތިސާދުގެ ތެރޭގައި އެނބުރެމުންދިޔަ ޑޮލަރުގެ ތެރެއިން އެއްފަހަރާ 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް ދެއްކުމެވެ.

މީގެ އިތުރުން ސަރުކާރުން ޑޮލަރުން ކުރާ ހަރަދުތައް ކުޑަނުކޮށް ހިފެހެއްޓުމަކީ ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، އާންމު ތަކެތީގެ އަގު ބޮޑުވާން މެދުވެރިވި މައިގަނޑު ސަބަބެއް ކަމަށް މާހިރުން ވަނީ ފާހަގަކުރައްވާފަ އެވެ.