ކައިވެނިތަކަށް ހެލިކޮޕްޓަރެއް ކުއްޔަށް ހިފައި މުޅި އާއިލާއާއެކު ދަތުރެއް ކޮށްލުމަކީ އިންޑިއާގައި އާއްމުވަމުން އަންނަ ސަގާފަތެކެވެ. މިކަމަކީ ގަޑިއިރަކަށް ލައްކައެއްހާ ރުޕީސް ހޭދަވާ ކަމެއް ނަމަވެސް ގިނަ އާއިލާތަކުން މިކަން ކުރަނީ ކައިވެނި ހާއްސަ ކުރުމަށެވެ،

ނަމަވެސް މިފަދައިން ހެލިކޮޕްޓަރެއް ކުއްޔަށް ހިފާނެ ތަނަވަސްކަން އިންޑިއާގެ ކޮންމެ ކޮންމެ އާއިލާއެއްގައެއް ނުހުރެ އެވެ. އެފަދަ އާއިލާތަކަށް އިންޑިއާގެ ރައްޔިތެއް ކަމަށްވާ ގުއްޑޫ ޝަރްމާ މިވަނީ މާ ރަނގަޅު ގޮތެއް ހޯދައިދީފަ އެވެ.

ބިހާރުގެ ބަގަހާއަށް ނިސްބަތްވާ މެކޭނިކެއް ކަމަށްވާ ގުއްޑޫ ވަނީ އޭނާގެ ނެނޯ މޮޑެލްގެ ކާރު ހެލިކޮޕްޓަރަކަށް ބަދަލުކޮށް ފުދުންތެރިކަން ނެތް އާއިލާތަކަށް ހެޔޮ އަގެއްގައި ހެލިކޮޕްޓަރުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ހޯދަދީފަ އެވެ.

ގުއްޑޫ އުފެއްދި ހެލިކޮޕްޓަރު ކާރުހެލިކޮޕްޓަރެއްގެ ޑިޒައިނަށް ކާރު ހަދާފައިވީ ނަމަވެސް އުދުހުމުގެ ގާބިލިއްޔަތު ކަމެއް މި އުޅަނދަކަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް ގަޑިއިރަކަށް 15000 ރުޕީސްއަށް މިފަދަ ދަތުރެއްގެ ތަޖުރިބާއެއް މަގުމަތީގައި ނަމަވެސް ކޮށްލުމަކީ ގިނަ އާއިލާތަކަށް ލިބޭ އުފަލެކެވެ.

ގުއްޑޫ އުފެއްދި ހެލިކޮޕްޓަރު ކާރު

ގުއްޑޫ ބުނީ ޑިޖިޓަލައިޒް ވަމުން އަންނަ މި ދުނިޔޭގައި އޭނާގެ އުފެއްދުމަކީ ފުދުންތެރި ކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި އޭނާގެ ކާރަށް ރަނގަޅު ޑިމާންޑެއް އޮންނަ ކަމަށް ވެސް ގުއްޑޫ ބުންޏެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ވެސް ބިހާރުގެ ރައްޔިތަކު ވަނީ އޭނާގެ ނެނޯ ކާރު ހެލިކޮޕްޓަރެއްގެ ޑިޒައިނަށް ހަދާފަ އެވެ.