ގަވައިދާ ހިލާފަށް މާލޭގެ މަގުމަތީގައި ބަހައްޓަފައިވާ ޕެލެޓްތައް އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މި ނިންމުންތައް ނިންމާފައި ވަނީ މިއަދު ބޭއްވި މާލެސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 41 ވަނަ އާއްމު ޖަލްސާގަ އެވެ.
މިބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ތަރުތީބުކޮށް އިންތިޒާމުކުރުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގަވައިދާ ހިލާފަށް މަގުމަތީގައި ބަހައްޓާފައިވާ ޕެލެޓްތައް އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ނެގުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް މޭޔަރު ވިދާޅުވީ ގަރާޖުތަކާއި ގުދަންތަކާއި ފިހާރަތައް ހިންގާ ފަރާތްތަކުން ޕެލެޓުތަކުގެ މައްސަލާގައި ބޭނުންވާ ގޮތެއް ކައުންސިލަށް ހުށަހެޅުމަށް ދެ ހަފުތާގެ މުހުލަތެއް ދިނުން ރަނގަޅު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ހުއްދަ ނަގައިގެން ހިންގާ ވިޔަފާރިތަކަށް ކުރިމަތިވާ މައްސަލަތަކަށް ޕެލެޓް ބެހެއްޓުން ނޫން ހައްލެއް ހޯދުމުގެ ގޮތުން އެފަދަ ތަންތަނުގެ ކުރިމަތީގައި ޕާކުނުކުރެވޭ ގޮތަށް ރޮނގު ދަމައިދޭނެ ކަމަށާއި، ގަރާޖެއް ނަމަ މުދާ އަރުވައި ބާލާ ޒޯނެއްގެ ގޮތުގައި ހަމަޖައްސައިދެވޭނެ ކަމަށް ޑރ. މުއިއްޒު ފާހަގަ ކުރެއްވި އެވެ.
"ގަވައިދާ ހިލާފަށް ހިންގާ ތަންތަން ކޮންމެ ގޮތެއް ވިޔަސް އެގޮތަކަށް އަޅުގަނޑުމެންނަކަށް ރޮނގު ދަމައިދީ ބަންދެއް ނުކޮށްދެވޭނެ. އެ ތަންތަން ޖެހޭނީ ގަވައިދުގެ ތެރެއަށް ވަންނަން. އެ ތަންތަނުގެ ކުރީމަތީގައި ޕެލެޓު ބަހައްޓާނެ ފުރުސަތެއް ވެސް ނުދެވޭނެ އަދި އެ ތަންތަން ޖެހޭނީ އޮންނަ އުސޫލުން ޕާކްކުރަން ފުރުސަތުދޭން،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި ރަމަޟާން މަހާ ދިމާކޮށް މާލެ ސިޓީގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެގޮތުން ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ކަމުން އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކޮށްގެން އަސުރު ނަމާދަށްފަހު މާލޭގެ ހުރިހާ މިސްކިތެއްގައި ދަރުސް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، ފޯރުންތެރިކަން ނެތް ފަރާތްތަކުން ރޯދަ ވީއްލުމަށް އަމިއްލަ ޖަމާއަތްތަކުން މީގެ ކުރިން ކުރިއަށް ގެންދިޔަ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ނުދާނަމަ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީގެން އެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.
މާލޭގެ އެންމެ ބޮޑު އާބާދީއަކީ ޒުވާނުން ކަމަށްވާތީ ޒުވާނުންނާއި ގުޅުންހުރި ބައެއް ހަރަކާތްތައް ރޯދަ މަހު ކުރިއަށް ގެންދިއުމަށް ވެސް ކައުންސިލުން ނިންމާފައިވެ އެވެ. ރޯދަ މަހަކީ އެކި އުމުރުގެ މީހުން ކުޅިވަރު ކުޅެ ކަސްރަތުކޮށް އުޅޭ މަހެއްކަމުން ކުޅިވަރުގެ މުބާރާތްތަކެއް ރޭވުމަށް ވެސް ސިޓީ ކައުންސިލުން ނިންމި އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ރޯދަ މަހަށް މާލެތެރެ ޒީނަތްތެރިކުރުމަށާއި، ކުނި މެނޭޖް ކުރެވޭނެ ގޮތްތަކެއް ރޭވުމަށާއި، ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނިގެން ރޯދަ މަހަށް މާހެފުން ބޭއްވުން ތަރުތީބު ކުރުމަށްޓަކައި އިއުލާންކޮށްގެން އެ ދުވަސްތަކުގައި މާހެފުމަށް މަގު ބަންދު ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވެ އެވެ.
ރޯދަ މަހު ކުޑަކުދިންނާއި އާއިލާތައް ހަވީރު ގަޑީގައި ގެއިން ނިކުމެ އުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ހަފްތާއަކު ވެސް ކަނޑައެޅޭ ދުވަހެއްގައި ބޮޑެތި މަގުތައް ނުހިމެނޭ ގޮތަށް ހަނި ގޯޅިތައް ނުވަތަ ޓްރެފިކް ލުއި ގޯޅިތައް ބަލައި މަގުތައް ބަންދުކުރުމަށް ފުރުސަތު ދިނުމަށް ވެސް ނިންމި އެވެ.