ޔޫކްރެއިންއާއި ރަޝިޔާގެ މަސްރަހު ހޫނުވެ ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައިވާއިރު ދިވެހި ބައެއް ދަރިވަރުން ޔޫކްރެއިންގައި ތާށިވެއްޖެ އެވެ. އެގޮތުން ޔޫކްރެއިންގެ އެކި ހިސާބު ތަކުގައި ރާއްޖެ ނާދެވި ޖުމްލަ 20 ދަރިވަރުން އެބަތިއްބެވެ.

ދިވެހި ޚާރިޖިއްޔާއިން ބުނީ ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ޔޫކްރެއިންގެ ކަރަކީވް ސިޓީގައި މިވަގުތު ފަސް ދަރިވަރުން އެބަތިބި ކަމަށެވެ. އެ ސަރަހައްދަށް ރަޝިއާއިން މިހާރު ދަނީ ހަމަލާ ދެމުންނެވެ. މީގެ އިތުރުން ޔޫކްރޭންގެ އިރުމަތި ފަރާތުގައި އޮންނަ އިވާނޯ-ފްރެންކިވްސްކްގައި ދިރިއުޅޭ 14 ދަރިވަރުން އެބަ ތިބި ކަމަށާއި އަދި އެގައުމުގެ އެހެން ސިޓީއެއްގައި އިތުރު ދަރިވަރަކު އުޅޭ ކަމަށެވެ. މިހުރިހާ ކުދިންގެ ހާލުވެސް ބަލަމުން އަންނަ ކަމަށާއި އެންމެގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޔޫކްރެއިންގައި ތިބި ބައެއް ދަރިވަރުންވަނީ އިއްޔެ އަންނަން ފަށާފަ އެވެ، ފޮރިން މިނިސްޓްރީން ބުނީ 35 ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރުން ރާއްޖެ ގެނެވިފައިވާ ކަމަށާއި އިތުރު 25 ދަރިވަރުން ރާއްޖެ އައުމަށް އިއްޔެ ފުރި ކަމަށެވެ.

ރަޝިޔާ ޔޫކްރެއިންއަށް އަރައި އެގައުމުގެ އެކި ހިސާބުތަކަށް ހަމަލާދޭން ފަށާފައި ވާއިރު، ޔޫކްރެއިންގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި ޔޫކްރެއިންގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.