ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއް ނުހެދުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ކުރި ހުކުމް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މި މައްސަލަ ދަށު ކޯޓަށް ހުށަހެޅީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށެއްގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއަކަށް ވާތީ އެވެ. އެ ގާނޫނުގައިވާ ގޮތުން ތިންވަނަ ފަރާތަކުން އެ ހިދުމަތް ފޯރުކޮށްދޭ ނަމަ، އެ ފަރާތަކާއި ކައުންސިލާ ދެމެދު ސަރީހަ އެއްބަސްވުމެއް އޮންނަންޖެހެ އެވެ.
ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފްކުރުމަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފެނަކައިން ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދެމުންދަނީ އެ ކުންފުނީގެ އަމިއްލަ އިހުތިޔާރުގައި ނޫން ކަމަށެވެ. އެ ހިދުމަތަކީ ސަރުކާރުން އެ ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ދަށު ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ދައުވާ އުފުލާފައިވަނީ ދިވެހި ދައުލަތް ނުވަތަ ދައުލަތް ތަމްސީލްކުރައްވާ ބަންޑާރަ ނައިބުގެ އޮފީހުގެ މައްޗަކަށް ނޫނެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ ގާނޫނީ ބަހުސް ކުރަން ބޭނުންވާ ނަމަ، އެކަން ކުރަންޖެހޭނީ ދިވެހި ދައުލަތާ ދެކޮޅަށް ކަމަށްވެސް ކޯޓުން ބުނެފައިވެ އެވެ.
މި މައްސަލައިގެ ތެރެއިން ބަންޑާރަ ނައިބުގެ އޮފީހުގެ ބަހެއް ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މީގެ ކުރިން ރުހިފައެއް ނުވެއެވެ. ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ ނިންމެވީ ފެނަކައާ ދެކޮޅަށް އެކަނި ކޮށްގެން ގޮތެއް ކަނޑައެޅޭނެ ގާނޫނީ ބަހުސަކަށް ނުވާތީ، ކައުންސިލުން ކުރި ދައުވާ ސާބިތުނުވާ ކަމަށެވެ.
"އޯއާރްއެސް"ގެ ހަގީގަތް: އެއީ ބޭރަށް ހިންގުމަށް އޮތް ހައްލެއްތަ؟
"ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނާ އެއްގޮތަށް"
ޑޮލަރު މާރުކުރުމާ ގުޅޭ އިސްލާހު އެއް ދުވަހުން ނިންމަނީ
