ބޮލީވުޑްގެ ބަތަލުން، ފިލްމުތަކުގެ ޝޫޓިންގައި ބަތަލާއިންގެ ރޯލު ކުޅޭ އެކްޓްރެސުންނާއި ލޯބީގެ ގޮތުން ގުޅޭ ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫނެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ އަޖޭ ދޭވްގަން އަކީ ފާއިތުވި އަހަރުތަކުގައި ބޮލީވުޑްގައި މަސައްކަތް ކޮށް، ބެލުންތެރިންނަށް މަގުބޫލު ފިލްމުތަކެއް ކުޅެދީފައިވާ ފަންނާނެކެވެ. އަޖޭގެ ލޯބީގެ ހަޔާތުގައި ވެސް އެންމެ ގިނައީ، ޝޫޓިންގެ ސެޓުގައި ލޯބީގެ ގޮތުން ގުޅިފައިވާ ގުޅުންތަކެވެ.

މިގޮތުން އަޖޭއާ އެންމެ ފުރަތަމަ ފިލްމެއްގެ ސެޓުން ލޯބީގެ ގޮތުން ގުޅުނު ކަމުގެ ވާހަކަތައް އަޑުއިވުނީ މީގެ އަހަރުތަކެއް ކުރިން 90ގެ ކުރީގެ އަހަރުތަކުގަ އެވެ. އެއަހަރުތަކުގައި އަޖޭ ވަނީ ބޮލީވުޑްގައި އެންމެންގެ މަގުބޫލުކަން ހޯދާފަ އެވެ. އޭނާ ލޯބީގެ ގޮތުން ގުޅުނުކަމުގެ ވާހަކަތައް އަޑުއިވެން ފެށީ ރަވީނާ ތަންދޯން އާއެކުގަ އެވެ.

އެހެންނަމަވެސް އެވާހަކަތަކަށް ހުއްޓުން އައީ ކަޕޫރް ހާންދާނުގެ ޖާނެއް ކަމުގައިވާ ކަރިޝްމާ ކަޕޫރު ފިލްމީ ދާއިރާއަށް ނިކުމެ އަޖޭ އާއެކު ފިލްމު ކުޅެން ފެށުމުންނެވެ. އަޖޭ ބުނާގޮތުގައި އޭނާ ކަރިޝްމާގެ ލޯބީގައި ޖެހުނީ އޭނާގެ ލޮލުގެ ޖާދޫގައި ޖެހިފަ އެވެ. ނަމަވެސް އެލޯތްބަށް ވެސް ނިމުމެއް އައީ އޭނާ ހަޔާތް ބަދަލުކޮށްލި އަންހެނާ އާއި ދިމާވުމުންނެވެ. އެއީ އަޖޭގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާ ކާޖަލް އެވެ.

ކާޖަލްއާ ވެސް އަޖޭ ގުޅުނީ ފިލްމެއް ކުޅުނު އިރު، ޝޫޓިންގެ ތެރެއިންނެވެ. އަޖޭގެ މަޑުމައިތިރި މިޒާޖާއި ކާޖަލްގެ ހަލަނި މިޒާޖު މާބޮޑަށްވެސް ގުޅި، ދެފަންނާނުންވެސް އެދެފަންނާނުންގެ ލޯބިވެރިން ދޫކޮށްލައި އެކަކު އަނެކަކަށް ފިދާވީ އެވެ. އެއަށްފަހު ދެފަންނާނުންވެސް ނިންމީ ކައިވެނީގެ ގުޅުމުން ގުޅޭށެވެ.

ކާޖަލް އާއި އަޖޭގެ ޖޯޑަކީ ބޮލީވުޑްގައި މިހާރު ފާހަގަކޮށްލެވޭ "ޕަވާ ކަޕްލް" އެކެވެ. އެދެފަންނާނުންވެސް އެކީގައި ލޯބިން ދިރިއުޅޭއިރު، ޒަވާޖީ ހަޔާތް ހޭދަކުރާއިރު މައްސަލަ ނުޖެހި ލޯބިން ދިރިއުޅެނީ ކިހިނެއްތޯ ގިނަ ބަޔަކު ވަނީ އެފަންނާނުންނާއި ސުވާލުކޮށްފަ އެވެ.

އެކަމަށް ރައްދުދެމުން އެފަންނާނުން ބުނީ، ދެމަފިރިން ދެމެދުގައި ޖެހޭ އާދައިގެ ހިޔާލު ތަފާތުވުންތައް އެދެފަންނާނުންގެ ކައިވެނީގައިވެސް އޮންނަ ކަމަށެވެ. އެހެންނަމަވެސް ދެމީހުން ދެމީހުންނަށް މާފު ކުރާކަމަށާއި، ކަންކަން އަބަދު މީޑިއާ އަށް ހިއްސާނުކޮށް އުޅުމުން ހަޔާތް މާބޮޑަށްވެސް ބާއްޖަވެރިކަމަށް އެފަންނާނުން ބުނެފައިވެ އެވެ.