ކީވް (01 މާޗް) - ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް 270 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އިންސާނީ އެހީއަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ރެޑް ކްރޮސްއިން ބުނެފި އެވެ.

ދަ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސާއާރުސީ) އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފަ ރެޑު ކުރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް އިން ބުނީ ޔޫކްރެއިންގެ އިންސާނީ ހާލަތު ވަރަށް ގޯސް ކަމަށާއި ދުވަހަކަށްވުރެ ދުވަހެއް ދަށަށް ދާ ކަމަށެވެ.

"މި ހާލަތުން އަރައިގަތުމަށްޓަކައި 273 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވޭ،" ދެ ޖަމާއަތް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އައިސީއާރުސީގެ ޑިރެކްޓަރު ޖެނެރަލް ރޮބާޓް މަރްދިނީ ވަނީ ޔޫކްރެއިންގެ ހާލަތު ގޯސްވަމުން ދާ ކަމަށާއި ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރު ވަމުން އަންނާތީ އެގައުމަށް އިންސާނީ އެހީ ވަގުތުން ވަގުތަށް ބޭނުންވާ ކަމަށެވެ.

ޔޫކްރެއިންގައި މަސައްކަތް ކުރަމުން އަންނަ ރެޑް ކްރޮސްގެ އޮފިޝަލުން ދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހި ކަމާއި ކާބޯތަކެއްޗާއި އަންނައުނުގެ އިތުރުން އެހެން އަސާސީ ހިދުމަތްތައް ވެސް ފޯރުކޮށްދެމުންނެވެ.

މިކަމުގައި މުޅި ދުނިޔެއިން އެހީވެ ދިނުމަށް ރެޑް ކްރެސެންޓުންނާއި ރެޑް ކްރޮސްއިން ވަނީ ގޮވާލާފަ އެވެ. -- އަލް އަރަބިއްޔާ