އެމްޑީޕީއަކީ އަމިއްލަ ޕާޓީގެ މެންބަރުންނަށްވެސް އަނިޔާވެރިވާ ޕާޓީއެއް ކަމަށާއި އަނިޔާވެރިވުން ނޫން ކަމެއް އެއް އިރެއްގައި ވެސް އޮތް ޕާޓީއެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ބައެއް މީހުން ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި އެމްޑީޕީގެ މެންބަރުން ބައިބައިވެ ކުރެއްވި ބަހުސަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅިގެން އެ ޕާޓީގެ އާންމު މެންބަރުންނަށް ސަރުކާރުން ވަޒީފާގެ ބިރުދެއްކި ކަމަށް އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އޭނާގެ ކެމްޕެއިން ޓީމުން ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ލީޑާޝިޕަށް ފާޑުވިދާޅުވެ، ކުރީގެ ނައިބު ރައީސް ޖަމީލު ވިދާޅުވީ އެމްޑީޕީގެ އިންސާފުގެ އޮޑި މިސްރާބު ގެއްލި ކައްޕި ވެސް ރުޅިގަދަވެފައިވާ ކަމަށެވެ. އަދި އަމިއްލަ ޕާޓީ މީހުންނަށް ވެސް އެމްޑީޕީގެ ސަރުކާރުގައި ވަޒީފާގެ ރައްކާތެރިކަން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަނިޔާވެރިވުން ނޫން ކަމެއް އެއް އިރެއްގައިވެސް އޮތް ޕާޓީއެއް ނޫން، ހާމަވެގެން މިދަނީ [އެމްޑީޕީ އަކީ] ވެރިކަމާ 100 ފޫޓަށް ވެސް ކައިރިކުރަން ހެޔޮވާވަރުގެ ބައެއް ނޫންކަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އަންނަ އޭޕްރީލް މަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިންތިގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާދަކުރައްވާ އިރު، އިންތިހާބުގެ ވާދަވެރިކަން ބޮޑެވެ. ރައީސް ސޯލިހާއި އާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް އެ ޕާޓީ ބައިވެފައި ވާއިރު، މިއަދު މަޖިލީހުގައި ވެސް އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ބަހުސް ހޫނުވި އެވެ.
އެގޮތުން ސަރުކާރަށް ތުހުމަތުކޮށް އެމްޑީޕީގެ މެންބަރުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން، އެ ޕާޓީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާ ކަމަށާއި ރާވައިގެން ސަރުކާރު ވައްޓައިލަން އުޅޭ ކަމަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލީސް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
މިތުހުމަތުތަކަށް ރައްދު ދެއްވާ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވީ އެމްޑީޕީގެ ހައްގުގައި ގުރުބާންވި، އެ ޕާޓީގެ މެންބަރުންނަށް ބޭއިންސާފުވެރި ވާނަމަ އެކަމާ މަޖިލީހުގައި ވަކާލާތު ނުކޮށް ނުތިބޭނެ ކަމަށެވެ.