އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ޕާޓީ ބައިބައިވާ ގޮތަށް ބައެއް ފަރާތްތަކުން ކަންކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސެއިން) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފެނާއި ނަރުދަމާގެ ހިދުމަތާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އަނދުން ހުސައިން ވިދާޅުވީ މިހާރު ރައްޔިތުންނަށް ކަށަވަރުވަމުންދާ ގިނަ ހައްގުތަކެއް ކަށަވަރުވަނީ އެމްޑީޕީގެ އާންމު މެންބަރުން މަގުމައްޗަށް ނުކުމެ އެތައް އިހުތިޖާޖެއްކޮށް އެތައް ޤުރުބާނީއެއް ވެގެންކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ 30 އަހަރުވެގެންދިޔައިރު ސާފު ބޯފެން ލިބެންޖެހޭނެކަމަށާއި، ނަރުދަމާގެ ހިދުމަތް ލިބެންޖެހޭނެކަމަށް އަދި ކަރަންޓުގެ ހިދުމަތް އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ރާއްޖޭގެ ވެރިން ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އަދި ގާނޫނު އަސާސީ އިސްލާހުކޮށް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުންނަށް އެކަންކަމަކީ އަސާސީ ހައްގުތަކެއްގެ ގޮތުގައި ކަށަވަރުކޮށްދިނީ އެމްޑީޕީގެ އާންމު މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށްވެސް އަނދުން ހުސައިން ވިދާޅުވި އެވެ.
އަދި މަސްލަހަތު ހިމާޔަތްކޮށް ބައިބައިވުން ނޯންނާނެ ގޮތަށް އަމަލުކުރުމުގެ ގޮތުން އަސާސީ ގަވާއިދަށް ބަދަލުގެނެސް އެންމެ ފަހުން ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ބޭފުޅަކު ދެން އަންނަ ދައުރެއްގައި ޗެއާޕާސަންގެ މަޤާމާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅެއް އައްޔަންކުރައްވާ ގޮތަށް ހަމަޖައްސަންވީ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެންވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ. އެގޮތުން ރައީސް ސާލިހުގެ ފެކްޝަނުން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއީލްއާއި ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕެއިންގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައިވެސް ދެ ފެކްޝަންގެ މެމްބަރުންދަނީ އެއްބަޔަކު އަނެއްބަޔަކަށް ވަރަށްބޮޑަށް ރައްދު ދެމުންނެވެ.