ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ޕްރީ ސްކޫލް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބަޔަކާއި ހަވާލުކޮށްފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ޕްރީސްކޫލެއް އަޅަން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއާ އެވެ.

އެޗްޑީސީން ބުނީ، އެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ މަސައްކަތް ހަވާލުކުރާތާ ހަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

އެޗްޑީސީން މި މަސައްކަތް ކުރުމަށް ކުންފުނިތަކަށް ބީލަމަށް ހުޅުވާލީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ބީލަމަށް ހުށަހެޅޭނީ އެޗްޑީސީގެ އެއްވެސް މުވައްޒަފަކާ ގުޅުން ނުވާ ފަރާތަކަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ ހައުސިން މަޝްރޫއު ނިމި ގިނަ އަދަދެއްގެ މީހުން މިހާރު ވަނީ ހިޔާ ފްލެޓްތަކަށް ބަދަލުވެފަ އެވެ. އަދި އާބާދުވަމުން އަންނަ ވަރަކަށް އެ ސަރަހައްދުގައި ސްކޫލްތަކާއި، ފިހާރަތަކާއި، ޖިމް، ސެލޫން އަދި އެހެނިހެން ތަންތަން އެޅުމަށް ވެސް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.