ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަކަށް ވުރެ އިތުރަށް އަގު ނަގާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން މަޝްވަރާ ކުރުމަށްފަހު، ހިދުމަތް ދޭ އަގަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަ އެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ޓެކްސީ ސެންޓަރުތަކުން ނިންމުމާއި ގުޅިގެން ފުލުހުންގެ ފޭސްބުކް ޕޭޖެއް ކަމަށްވާ "ރޯޑް ޕޮލިސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަށް ހަނދާންކޮށްދީފަ އެވެ. އެ އަގުތަކަށް ވުރެ އިތުރަށް އަގު ނަގައިގެން ޓެކްސީ ނުކުރެވޭނެ ކަމަށާއި، އެގޮތަށް އަގު ނެގުމަކީ މަނާކަމެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ ކަނޑައަޅާފައިވާ އަގުތަކަށް ވުރެ އިތުރަށް އެއްވެސް އަގެއް ނަގައިފިނަމަ އެކަން ފުލުހުންނަށް އެންގުމަށް އެދިފަ އެވެ.

ޓެކްސީ ޑްރައިވަރުން ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގުނަގާނަމަ އެ ޓެކްސީއަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ، މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާ އަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާ އެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާ އެވެ.

ޓެކްސީތަކުން ނަގާ އަގު ބޮޑުކުރުމަށް އަމިއްލައަށް ނިންމިއިރު، މިފަދަ ކަމަކާއި ގުޅޭގޮތުން ޓްރާސްޕޯޓް މިނިސްޓްރީއާ ބައްދަލުކޮށް މަޝްވަރާކޮށްފައި ވެސް ނުވެ އެވެ.

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތަކުގެ ތެރޭގައި މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް 30 ރުފިޔާ، ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް، 25 ރުފިޔާ ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާއަށް ހަމަޖެއްސުން ހިމެނެ އެވެ.

https://www.facebook.com/photo?fbid=275558761397115&set=a.194082469544745

މީގެ އިތުރުން ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެއިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް، 80 ރުފިޔާ ނަގާއިރު ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ ނެގުމަށް ވަނީ ނިއްމާފަ އެވެ.

ހަމައެއާއެކު މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާ ނެގުމަށް ސެންޓަރުތަކުން ވަނީ ނިންމާފަ އެވެ