އެމްޑަބްލިޔުއެސްސީ އިން ޖަރާސީމު ހުރި "ތާޒާ" ފެން ފުޅި ބާޒާރަށް ނެރެފައިނުވާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
"ހުރިހާ" އާ ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ އެ ކުންފުނިން އުފައްދާ ތާޒާ ފެން ފުޅީގެ ބެޗެއްގައި ޖަރާސީމު ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަން އެމްޑަބްލިޔުއެސްސީގެ ކޮލިޓީ ކޮންޓްރޯލް ޑިޕާޓްމަންޓަށް ފާހަގަ ކުރެއްވިގެ އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހު ވިދާޅުވީ 10،000 ފުޅި ހިމެނޭ އެ ބެޗުގެ ފެން ބާޒާރަށް ނެރެފައިނުވާ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި "ތާޒާ"ގެ ކޮންމެ ބެޗެއް އުފެއްދުމަށް ފަހު 24 ގަޑިއިރު ވަންދެން މާކެޓަށް ނުނެރެ ބަހައްޓާ ކަމަށާއި ބާޒާރަށް ފެން ފުޅި ނެރެނީ ޓެސްޓް ހަދައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"މިދިޔަ ހަފުތާގައި އެފަދަ ޝައްކު ކުރެވޭ ކަމެއް ފެނިގެން އަޅުގަނޑުމެން އެ ބެޗް މާކެޓަށް ނުނެރެން. ކޮންމެ ބެޗެއް ވެސް މާކެޓަށް ނެރުމުގެ ކުރިން ޓެސްޓް ހަދާއިރު، އަޅުގަނޑު ޔަގީންކަން އަރުވަން ނަޖިސް ހުރި ފެނެއް ކަސްޓަމަރުންނާ ހަމައަށް ނުފޯރާނެ ކަން،" ޝާހު ވިދާޅުވި އެވެ.
ސޯސަލް މީޑިއާގައި ފެތުރިފައިވާ ގޮތަށް އެމްޑަބްލިޔުއެސްސީގެ ފެން ތާނގީއަކު މަރުވެފައިވާ ކާޅެއް ފެނިފައިނުވާ ކަމަށް ވެސް އެ ކުންފުނީގެ މުވައްޒަފަކު މިނޫހަށް ވަނީ މައުލޫމާތުދީފަ އެވެ.
މީގެ 26 އަހަރު ކުރިން، އެޕްރީލް 1، 1995 ގައި ސަރުކާރުން އުފެއްދި އެމްޑަބްލިޔުއެސްސީގެ މައިގަނޑު މަސައްކަތަކީ ބޯން ވެސް ރައްކާތެރި ފެންވަރަށް މާލޭގެ ގޭގެއަށް ފެން ފޯރުކޮށްދިނުމެވެ. އޭރުންސުރެ އެއީ ވަރަށް ރައްކާތެރިކަމާ އެކު، ވަރަށް ގިނަ ފިޔަވަޅުތައް އެޅިގެން ދެމުން އަންނަ ފެނެކެވެ.
ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، އެމްޑަބްލިޔުއެސްސީގައި ބައިނަލްއަގުވާމީ ފެންވަރުގެ ލެބޯރަޓަރީއެއް ހިންގަ އެވެ. އެގޮތުން އެމްޑަބްލިޔުއެސްސީގެ ފެން އުފައްދާ ކާރުޙާނާއަކީ އައި.އެސް.އޯ. 9001:2015 ކޮލިޓީމެނޭޖްމަންޓް ސިސްޓަމް ސެޓްފިކެޓް އަދި ފުޑް އެންޑް ސޭފްޓީ ސްޓޭންޑަ (ހަސަޕް) 22000:2008 ސެފްޓް ހޯދައި އެ ސެޓިފިކެޓް ދަމަހައްޓަމުންދާ ކުންފުންޏެކެވެ. އަދި، އެ ކުންފުނިން އުފައްދާ ފުޅީގައި ބަންދުކުރި ފެނަކީ މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅަފައިވާ ކޮލިޓީ މިންގަނޑުތަކާ އެއްގޮތައް އުފައްދާ ބާޒާރުގައި ވިއްކަމުންދާ ފެނެއް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
ކޮންމެ ދުވަހަކު އެކި އިރު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފަދަ ސަރަހައްދުތަކުން ފެން ނަގައިގެން ޓެސްޓްކުރެ އެވެ.
އެމްޑަބްލިޔުއެސްސީގެ ފެން ޕްލާންޓްތަކުން ފެން އުފައްދައި، ތާނގީތަކަށް އެޅެމުން ދާނީ ކްލޮރިން ކުރަމުން، ފެނުގައި ހުންނަން ޖެހޭ ބައިނަލްއަގުވާމީ މިންގަނޑު ހިފަހައްޓަމުންނެވެ. އެއީ އޮޓޮމެޓިކުން ކުރަމުން އަންނަ ކަމެއް ކަމަށް ވިޔަސް، ކޮންމެ ދުވަހަކު މެނުއަލްކޮށް ފެން ނަގައިގެން، އިތުރަށް ޓެސްޓްކުރުމުގެ ބައި ވެސް ކުރިއަށް ގެންދެ އެވެ.
އެމްޑަބްލިޔުއެސްސީގެ އިތުރުން އެންވަޔަރަންމަންޓް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް އެ ފެނުގެ ޔަގީންކަން ހޯދަ އެވެ.
މީގެ މަސްދުވަސް ކުރިންވެސް ފަލަސްތީނު ރައްޓެއްސަކު ތިފެން ޓެސްޓުކުރިއޭ ލެބޯޓްރީގަ. ހަމަ ސަކަރާތް. ބޯން ކަމުދާ ފެނެއް ނޫނޭ ބުނީ. ކުރީގެ އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް މިހާރު ތިޔަ ފެނުގެ މެނޭޖިން ޑިރެކްޓަރު ވީމަ އަމިއްލަ ދިފާޢުގަ ދޮގު ނަހަދާ ޕްލީޒް. މާކެޓުގަ ތިފެން ހުންނަތާ އެތައް ދުވަހެއް ވެއްޖެ. ޤަބޫލު ކުރަން ދަތިއްޔާ ރާއްޖޭގެ ދެކުނުގެ ފިހާރައަކުން އެންމެ ދުވަސްވީ ފުޅި ނަގާފަ ބަލާލަބަލަ އަޅެ.