ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ސަލްމާން ޚާންގެ ކޮއްކޮއަށް ވާން އެއްވެސް އެކްޓަރަކު ބޭނުން ނުވިކަމަށް ސްވަރާ ބާސްކަރް ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ސްވަރާ ބާސްކަރް ވަނީ އޭނާގެ އެކްޓިން ކެރިއަރާ ގުޅިގެން ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ.

އެގޮތުން ގިނަ ފިލްމުތަކަކީ، އެފިލްމެއްގައި ފަންނާނުންގެ ރިޖެކްޝަން އޮންނަ ފިލްމުތައްކަން ފާހަގަކޮށް ސްވަރާ ބުނީ، އޭނާ އެންމެ ގިނައިން ކުޅެފައިވާނީ، ގިނަ ފަންނާނުން އެކްޓުކުރަން ބޭނުން ނުވި ރޯލުތައް ކަމަށެވެ. އެގޮތުން ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ އޭގެ ތެރެއިން އެއް ފިލްމުކަމަށް އޭނާ ބުނެފައިވެ އެވެ.

އެ ފިލްމުގައި ސަލްމާނުގެ ކޮއްކޮގެ ރޯލު ކުޅެން އެއްވެސް ފަންނާނަކު އެއްބަސް ނުވި ކަމަށާއި، އެހެން ނަމަވެސް އޭނާއަށް އެ ފިލްމުގައި އެރޯލު ކުޅެން ލިބުމުން އުފަލާއެކު އެކަމަށް އެއްބަސްވި ކަމަށް ސްވަރާ ބުނެފައިވެ އެވެ.

ސްވަރާއަކީ ފިލްމީ ސިނަމާތަކުގައި މަސައްކަތް ކޮށްފައިވާ އާއިލާއަކުން އައިސްފައިވާ ފަންނާނެކެވެ. އެފަދަ ރޯލުތައް ކުޅުމުގެ ސަބަބުން އޭނާގެ ފިލްމީ ކެރިއަރު ހަލާކުވާނެ ކަމަށް ގިނަ ބަޔަކު އޭނާ ކައިރި ބުނިކަމަށް ސްވަރާ ބުނެފައިވެ އެވެ.