މާލެއިން ޓެކްސީ ދަތުރެއް ނެގި ޒުވާން އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ މީހާ ތިން ދުވަހަށް ބަންދުކޮށްފި އެވެ.

މާލެއިން ޓެކްސީއަކަށް އެރި އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 12:50 ގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަނިޔާ ލިބުނު އަންހެން ކުއްޖާއަކީ އުމުރުން 20 އަހަރުގެ ކުއްޖެކެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ބަންދުކުރަން އަމުރުކުރީ ހުޅުމާލޭ ކޯޓުންނެވެ.

އެ އަންހެން މީހާ މަގުމަތިން ޓެކްސީއެއް ނެގީ ހެންވޭރު މާފަންނަށް ދިއުމަށް ކަމަށްވެ އެވެ.

ނަމަވެސް ޓެކްސީއަށް އެރުމުން، ޓެކްސީގެ ދޮރުތައް ތަޅުލައި، ގަދަކަމުން ހުޅުމާލެއަށް ގެންދިޔަ ކަމަށާއި، ޖިންސީ ގޯނާކުރީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންދިއުމަށްފަހު ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައިވެ އެވެ.

އެ އަންހެން މީހާއަށް ޖިންސީ ގޯނާކުރަން އުޅެނިކޮށް ޑްރައިވަރު އަތުލައިގަނެފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް މިހާރު ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ.