ކީވް (09 ފެބްރުއަރީ)- ނޭޓޯގެ މެމްބަރުކަން ހޯދަން ޔޫކްރެއިންއިން ދެން އިތުރަށް އާދޭސް ނުކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

އޭބީސީ ނެޓްވޯކްއަށް ދިން އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ނޭޓޯގެ މެމްބަރެއްގެ ގޮތުގައި ޔޫކްރެއިން ބަލައިގަންނަން އެ ޖަމާއަތުން ތައްޔާރު ނޫން ކަމަށާއި އެހެން ކަމުން އެކަމަށް ދެން ބާރު ނާޅާނެ ކަމަށެވެ.

މިއާއެކު ޒެލެންސްކީ ވަނީ ވަކި ދައުލަތެއް އިއުލާން ކޮށްފައިވާ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގެ ދައުލަތް ދެފަރާތުގެ މަސްލަހަތު އޮންނަ ގޮތަކަށް ބަލައިގަންނަން ވެސް ތައްޔާރު ކަމަށެވެ.

"ނޭޓޯއަކީ ފިނޑި ޖަމާއަތެއް. އެއީ ރަޝިއާއާ ކުރިމަތިލާން ނުކެރޭ ބައެއް،" ޒެލެންސްކީ ވިދާޅުވެފައިވެ އެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަން އެދި ކުޑަ ކަކޫ މައްޗަށް ތިރިވެ އާދޭސްކުރާ ގައުމެއްގެ ވެރިއެއްގެ ގޮތުގައި ހުންނަން ބޭނުން ނުވާ ކަމަށެވެ.

ޔޫކްރެއިންއިން ނޭޓޯގެ މެމްބަރުކަން ހޯދަން މަސައްކަތް ކުރުމަކީ ރަޝިއާއިން ޔޫކްރެއިންއަށް އަރައި އެގައުމު ހިފަން މަސައްކަތް ކުރުމުގެ މައިގަނޑު އެއް ސަބަބެވެ.

ރަޝިއާއިން ވަނީ ކުރީގެ ސޮވިއެޓް ޔޫނިއަންގެ ގައުމުތަކުން ނޭޓޯއާ ގުޅުމަށް ދެކޮޅު ހަދައިފަ އެވެ. ނޭޓޯ އިތުރަށް ފުޅާވެ ވަރުގަދަވުމަކީ ރަޝިއާއަށް އޮތް ނުރައްކަލެއް ކަމަށް އެ ގައުމުން ދެކެ އެވެ.

ނޭޓޯއަކީ ފިނި ހަނގުރާމައަށްފަހު ސޮވިއެޓް ޔޫނިއަންގެ ކިބައިން ޔޫރަޕް ސަލާމަތް ކުރަން އެ ބައްރުގެ ގައުމުތަކާއި އެމެރިކާ ގުޅިގެން އުފެއްދި ޖަމާއަތެކެވެ. -- ދަ ސްޓްރެއިޓް ޓައިމްސް