ބޮލީވުޑްގެ 90ގެ އަހަރުތަކުގައި އެންމެ މަގުބޫލު އެކްޓަރު އަދި ޑައިރެކްޓަރުގެ ޖޯޑުގެ ގޮތުގައި ފާހަގަ ކުރެވުނު ގޯވިންދާ އަދި ޑޭވިޑް ދަވަން އެކުގައި 17 ފިލްމު ކުޅުމަށްފަހު މަސައްކަތް ކުރުން ހުއްޓާލި ސަބަބާ ބެހޭގޮތުން ގޯވިންދާ ވާހަކަ ދައްކައިފި އެވެ.
އޭއެންއައިއަށް ދިން އިންޓަވިއުއެއްގައި ގޯވިންދާ ބުނީ، އެ ދެމީހުންގެ މަސައްކަތް ހުއްޓުމަކަށް އައީ ޑޭވިޑް ދަވަންއަށް އެ ހިސާބުން އިތުރަށް ކުރިއަށް ނުދެވޭނެ ކަމަށް ގަބޫލު ކުރެވުމުން ކަމަށެވެ.
"އަަހަރުމެން އެކުގައި 17 ފިލްމު ހެދިން. ޑޭވިޑް ދެކުނީ އަހަންނާއެކު އިތުރަށް ކުރިއަށް ދެވޭނެ ވަގުތު ހަމަވެއްޖެ ކަމަށް. އަހަރެން ބޭނުންވި 18 ވަނަ އަދި 19 ވަނަ ފިލްމެއްވެސް އެކުގައި ހަދަން. ނަމަވެސް އޭނާ އެކަން ކުރާކަށް ބޭނުމެއް ނުވި. އެހެންވެ އަހަރެން ގަބޫލުކުރީ އޭނާ އަމަލުކުރީ އޭނާގެ އަމިއްލަ ވިސްނުމާ އެއްގޮތަށް ކަމަށް." ގޯވިންދާ ބުންޏެވެ.
މި ދެތަރިން ވަނީ "ރާޖާ ބާބޫ"، "ކޫލީ ނަންބަރު 1"، "ހީރޯ ނަންބަރު 1" އަދި "ބަޅޭ މިޔާ ޗޯޓޭ މިޔާ" ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދި ކޮމެޑީ ފިލްމުކުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.
ގޯވިންދާ ފާހަގަކުރި ގޮތުގައި، ބޮލީވުޑް މަސައްކަތްތަކުގައި އެކުގައި މަސައްކަތް ކުރުން ހުއްޓުނު ނަމަވެސް، އެދެމީހުންގެ އަމިއްލަ އެކުވެރިކަމަށް އެއްވެސް ބަދަލެއް ނާދެ އެވެ. ބައެއް ފަހަރު ހިތްހަމަނުޖެހުންތައް އުފެދުނު ނަމަވެސް، ޑޭވިޑްއަކީ ވަރަށް ތެދުވެރި އަދި ހެޔޮއެދޭ އެކުވެރިއެއް ކަމަށް އޭނާ ބުންޏެވެ.
އަދި މިހާރުވެސް ގޯވިންދާގެ ވާހަކަ ދެކެވޭނަމަ ޑޭވިޑްއަށް އުފަލުން ގޮސް ރޯކަމަށާއި، ދާދި ފަހުންވެސް ދެމީހުން ފޯނުން ގުޅައި ވާހަކަ ދެއްކި ކަމަށް ގޯވިންދާ ހާމަކުރި އެވެ.
މި އިންޓަވިއުގައި ގޯވިންދާ ވަނީ އޭނާއާއެކު ގިނަ ފިލްމުތަކެއްގައި މުހިންމު ރޯލުތަކެއް ކުޅުނު މަރުވެފައިވާ އެކްޓަރު ކާދަރު ހާންގެ މަތިންވެސް ހަނދާން ކޮށްފަ އެވެ.
ގޯވިންދާ ބުނި ގޮތުގައި އޭނާގެ ކޮމެޑީ ޓައިމިންގް އަދި ޑައިލޮގް ކިޔުމުގެ ހުނަރު ތަރައްގީވީ ކާދަރުގެ ފަރާތުން ދަސްވި ކަންތައްތަކުގެ ސަބަބުންނެވެ.
ކާދަރުގެ މަސައްކަތުގެ ރިދަމް ދެނެގަނެވުމުން، ދެމީހުންގެ މެދުގައި އޮތް ކެމިސްޓްރީ ވަރަށް ބޮޑަށް ވަރުގަދަ ވެގެންދިޔަ ކަމަށް އޭނާ ބުންޏެވެ.
ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމައެއް ނުކުރި!
ގަސް ހެއްދުން: އުމުރު ދިގުވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް!