ކިތަންމެ އަރާމު ނިންޖަކުން ހޭލެވުނު ކަމަށް ވިޔަސް ހުންނަނީ ވަރުބަލިވެފަ އެވެ. ނިދުމަކީ މީހާގެ ވަރުބަލިކަން ފިލުވައިދީ ތާޒާކޮށްދޭ ކަމެއް ކަމުގައި ބުނެ އުޅުނަސް ބައެއް މީހުންގެ ތަޖުރިބާ މިއާ ދިމާ އިދިކޮޅެވެ. ތާޒާވުމުގެ ބަދަލުގައި ނިދުމުން ވަނީ ވަރުބައްޔެވެ. ކީއްވެގެން ހެއްޔެވެ؟

ކަސްރަތު މަދުވުން

ކަސްރަތު ނުކުރުމަކީ ނިދުމަށް ހުރަސް އަޅާ ކަމެކެވެ. ނިދުމަށް ހަށިގަނޑު ބޭނުންވާ ހަކަތަ އުފެއްދުމަށް ހުރަސް އަޅާ ކަމެކެވެ. އެހެންވީމަ ކޮންމެ ދުވަހެއްގެ ބުރަ ޝެޑިއުލްގެ ތެރެއަށް ކަސްރަތު ކުރުންވެސް ލާށެވެ. ހިނގާލާ ނުވަތަ ބައިސްކަލް ދުއްވާލުމަކީވެސް އެންމެ ރަނގަޅު ކަސްރަތެކެވެ. ނަތީޖާއަކަށްވާނީ ނިދި ރަނގަޅުވެ ވަރުބަލިކަން ފިލުމެވެ.

ފެން ބުއިން މަދުވުން

ހަށިގަނޑުން ފެން މަދުވުމުކީ އަރާމު ނިންޖަށް ހުރަސް އަޅާ ކަމެކެވެ. ދުވާލު ގަޑީގައި އެކަށީގެންވާ ވަރަށް ފެން ބޯނަމަ ރޭގަނޑު އަރާމުކޮށް ނިދަން އެހީތެރިވެދީ ސިކުނޑީގެ މަސައްކަތް ވެސް އެންމެ އެދެވޭ ގޮތެއްގައި ހިނގުމަށް އެހީތެރިވެދެ އެވެ.

ޑިޕްރެޝަން އަދި ސްޓްރެސް

ނިދާ ހޭލާއިރު ވަރުބަލިވެފައި ހުންނަން ދިމާވާ އަނެއް ސަބަބަކީ މި އެވެ. މާބޮޑަށް ހާސްވެ ކަންކަމާ ވިސްނުމުގައި ރޭގަނޑު ނިދާ ވަގުތު ހޭދަކުރުމަކީ ސިކުނޑި ވަރުބަލި ކޮށްލައި ޖިސްމާނީ ގޮތުން ވެސް އޭގެ އަސަރު ދައްކުވާ ކަމެކެވެ. ރަނގަޅަށް ކަސްރަތުކޮށް ރަނގަޅު ޑައިޓެއް ނަަގަން ފަށާށެވެ. ސްޓްރެސް އަދި ޑިޕްރެޝަން އާ ދުރުކޮށްދޭނެ އެވެ.