ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކުރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެއީ ޓެރިޒަމްއަށް ހިތްވަރު ދިނުން ކަމަށް ބެލެވޭ މައްސަލައެއް ކަމަށާއި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައުމާ ހަމައިން މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އެކަމަކު، އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގެެނެސްދިން އެ ޕްރޮގްރާމުގައި ވާހަކަ ދެއްކީ ތ. ވިލުފުށި މީހެއް ކަމަށްވެ އެވެ. އޭނާ ވަނީ ސަރުކާރުގެ އަމަލުތަކާ މެދުގައި ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި ބުނީ "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ އަލިފާން ޖަހަން ޖެހޭ" ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމީހާއާ މެދުގައި ފިޔަވަޅު އަޅަން ވެސް ބައެއް މީހުން ގޮވާލި އެވެ.

ބައެއް މީހުންނަށް މައްސަލައަކަށްވީ، ޗެނަލް 13 އިން އެ އަޑު ސެންސަރުނުކޮށް ގެނައި މައްސަލައިގަ އެވެ. އެ މައްސަލައިގައި ޗެނަލް 13 އާ މެދުގައި ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެމީހުން ގަބޫލު ކުރެ އެވެ.