ވިއެނާ (11 މާޗް) - ގޭހާއި ތެލުގެ އުފެއްދުންތެރިކަން އިތުރުކޮށް ދުނިޔޭގެ މާކެޓަށް ނެރުން އިތުރު ކުރުމަށް ދުނިޔޭގެ ތެޔޮ އުފައްދާ ބޮޑެތި ގައުމުތަކަށް ޖީ-7 އިން ގޮވާލައިފި އެވެ.

ޖީ- 7 އިން މިފަދައިން ގޮވާލާފައި މިވަނީ މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ.

ޖީ- 7 އިން ގައުމުތަކުގެ އެނާޖީ މިނިސްޓަރުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ތެޔޮ އުފައްދާ ގައުމު ތަކުން ހިކުމަތްތެރި ކަމާއެކު އަމަލު ކުރަންވީ ވަގުތު ކަމަށާއި އިގްތިސާދީ ވަޅުަގަނޑަކުން ދުނިޔެ ސަލާމަތް ކުރުމުގައި އެ ގައުމުތަކުގެ ދައުރު ބޮޑު ކަމަށެވެ.

"މިކަމުގައި އޯޕެކް ގައުމުތަކުގެ ދައުރު ވަރަށް ބޮޑު،" ބަޔާނުގައި ބުނެފައިވެ އެވެ.

ރަޝިއާއަށް އަޅާ ދަތި ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެމެރިކާއާއި އީޔޫގެ ގައުމު ތަކުން ރަޝިއާއިން ތެޔޮ އެތެރެ ކުރުން ހުއްޓާލާފައި ވާއިރު މިކަމުގެ ސަބަބުން ޔޫރަޕްގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް މަތިވެފަ އެވެ.

ޖީ- 7 އިން ވަނީ މިކަމުގައި އެގައުމުތަކަށް ބޭނުންވާ އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. --އަލް އަރަބިއްޔާ