ރިޔާދް (13 މާޗް) - ސައޫދީ އަރަބިއާގައި ސައޫދީ އަރަބިއާގައި އެއްފަހަރާ 81 މީހުން ދަން ޖައްސައިފި އެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުންނަށް މަރުގެ އަދަބު ދިން ދުވަހެވެ.

ސައޫދީ އަރަބިއާގެ ދައުލަތުގެ މީޑިއާއިން ހާމަކުރާ ގޮތުގައި އިއްޔެ ދަންޖެއްސި 81 މީހުންނަކީ މީހުން މެރުން ފަދަ ޖަރީމާތަކަށް އަރައިގަނެފައިވާ މީހުންނެވެ.

މީގެ ކުރިން އެ ގައުމުގައި އެންމެ ގިނަ މީހުން އެއްފަހަރާ ދަން ޖައްސާފައި ވަނީ 1980 ވަނަ އަހަރު އެވެ. އެފަހަރު 63 ހަނގުރާމަވެރިންނަށް އެއްފަހަރާ މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިފަހަރު ދަން ޖެއްސި މީހުންގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލް ގައިދާއާ ގުޅުންހުރި މީހުުން ވެސް ހިމެނެ އެވެ.

ދަން ޖެއްސި މީހުންގެ ތެރޭގައި ހިމެނެނީ ސައޫދީ އަރަބިއާއަށް ނިސްބަތްވާ 73 މީހަކާއި ޔަމަނުގެ ހަތް މީހެއްގެ އިތުރުން ސީރިއާގެ އެކަކެވެ.

ސައޫދީ އަރަބިއާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ ގިނަ ކުށްތަކަކަށް މަރުގެ ހުކުމް ލުއި ކޮށްދީފައި ވީނަމަވެސް ބައެއް ކުށްތަކަކީ އިސްލާމީ ޝަރީއަތުގައި މަރުގެ ހުކުމް ކަނޑައަޅާފައިވާ ކުށްތަކަށް ވާތީ އެ ކުށްތަަކަށް މައާފު ދެވެން ނެތް ކަމަށެވެ.

"އެ ކުށްތަކަކީ ބޭނުން ވިޔަސް މައާފު ދެވެން ނެތް ކުށްތަކެއް،" ވަލީ އަހްދު ވިދާޅުވި އެވެ.

ސަލްމާން ރަސްގެފާނުގެ ރަސްކަމުގައި ސައޫދީ އަރަބިއާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާއިރު މިއީ އެ ރަސްކަމުގައި އެއްފަހަރާ ގިނަ ބަޔަކު ދަން ޖެއްސި ތިންވަނަ ފަހަރެވެ.

ދުނިޔޭގައި އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒު ކުރެވެނީ ޗައިނާގަ އެވެ. ޗައިނާ ފިޔަވައި މުޅި ދުނިޔޭގެ 88 ޕަސެންޓް މަރުގެ އަދަބު ތަންފީޒު ކުރަނީ ސައޫދީ އަރަބިއާ، އިރާގް، އީރާން އަދި މިސްރުގަ އެވެ. -- ޑެއިލީ މެއިލް