ބޮލީވުޑްގެ އެކްޓްރެސް ޒެހްރީން ޚާންއަށް ފިލްމު ކުޅެން ނުލިބޭ ސަބަބު އޭނާ ކިޔައިދީފި އެވެ.

އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އޭނާއަށް ފިލްމު ނުލިބޭ އެތައް ސަބަބުތަކެއް ހިމެނޭ ކަމަށެވެ. އެގޮތުން ޒެހްރީން އެންމެ ފުރަތަމަ ފިލްމަކުން ފެނިފައި ވަނީ ސަލްމާނާއެކުގަ އެވެ.

އެ ދުވަސްވަރު ޒެހްރީން ފިލްމީ ސިނަމާތަކަށް އާވުމާއެކު، އޭނާއަށް މީހުންގެ ތެރެއަށް ނިކުމެ ނޫޅެވުމަކީ، ފިލްމުތައް އޭނާއަށް ނުލިބުމުގެ އެއް ސަބަބުކަމަށް އޭނާ ބުނެފައިވެ އެވެ. ސަބަބަކީ ފިލްމުތަކަކީ އެކި ފަންނާނުން، އެ އިންޑަސްޓްރީގެ ބޮޑެތި މީހުންނާ ގުޅުން ބަދަހިކުރުމުން ލިބޭ އެއްޗެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނިގޮތުގައި ފިލްމެއް ކުޅުމަށް ނިންމާއިރު، ފަންނާނުންނާއި އިންޑަސްޓްރީގެ ބޮޑުންނާ މެދު ބަދަހިކުރާ ގުޅުމުގެ ސަބަބުން ފިލްމު ގިނަ ފަހަރަށް އޮންނަނީ، އެ ފަންނާނަކަށް ލިބިފަ އެވެ. އަދި ޒެހްރީނަށް އެ ފުރުސަތު އޭރު ގެއްލުނީ، ޕާޓީތަކަށާއި، އެއްވެ އުޅުންތަކަށް ނުގޮސް ހެދުމުން ކަމަށް އޭނާ ބުނެފައިވެ އެވެ.

ޒެހްރީން ފިލްމީ އިންޑަސްޓްރީއަށް އެންމެ ފުރަތަމަ ނެގީ، އޭނާގެ ސޫރަ މަޝްހޫރު ބޮލީވުޑް ފަންނާނެއް ކަމަށްވާ ކެޓްރީނާ ކެއިފްއާ ވައްތަރުވުމުން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެ އެވެ.

ކެޓްރީނާއަކީ ސަލްމާން ޚާންގެ ކުރީގެ ލޯބިވެރިޔާ އެވެ. ސަލްމާން ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އައިޝްވަރްޔާ ރާއީއާ ވައްތަރު ކުއްޖަކު ވެސް ބޮލީވުޑަށް ނެރެފަ އެވެ.