ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކުރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލި މައްސަލައިގައި އެ ޓީވީ ޗެނަލުން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގެެނެސްދިން އެ ޕްރޮގްރާމުގައި ވާހަކަ ދެއްކީ ތ. ވިލުފުށި މީހެއް ކަމަށްވެ އެވެ. އޭނާ ވަނީ ސަރުކާރުގެ އަމަލުތަކާ މެދުގައި ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭނާ ބުނީ "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ އަލިފާން ޖަހަން ޖެހޭ" ކަމަށެވެ.

މިކަމާ ގުޅިގެން ޗެނަލް 13 އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބެހޭ ގޮތުން އެމީހާ ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އެމީހާ އެހެން ބުނުމާއެކު ވަގުތުން ފޯނު ކަނޑާލާފައިވާ ކަމަށް އެ ޓީވީ ޗެނަލުން ބުންޏެވެ.

ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް ޓީވީ ޗެނަލުން ބުންޏެވެ.

ޗެނަލް 13 އަކީ އަނިޔާވެރިކަމާއި އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަމަށް ހިތްވަރުދީ ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް އެ ޓީވީ ޗެނަލުން ބުންޏެވެ.

"މި ސްޓޭޝަނަށް ކުރާ އިތުބާރާއި ދެއްވާ އެއްބާރުލުމަށްޓަކައި މިފުރުސަތުގައި ބެލުންތެރިންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،" ޗެނަލް 13 އިން ބުންޏެވެ.