މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައާ ގުޅިގެން ބަންދުކުރި މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުޙައްމަދު (ޕެސްޓު) އަލުން ހައްޔަރުކުރުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

އޭނާ އަލުން ހައްޔަރުކުރަން ހައި ކޯޓުން އަމުރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން މިދިޔަ މަހު ބޭސްފަރުވާއަށް ޖަލު ބަންދުން ދޫކޮށްލާފައި ވަނިކޮށެވެ. އޭނާ ގޭބަންދަށް ދޫކޮށްފައި ވަނީ ބޭސްފަރުވާއަށް ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށް ޝަރުތުކޮށް ދެ މަސްދުވަހުގެ މުއްދަތަށެވެ.

ނަމަވެސް ޕެސްޓު ދޫކޮށްލި މައްސަލައަށް ދައުލަތުން ކޯޓުގައި ދެކޮޅު ހަދައިފައިވާއިރު، އެ މައްސަލަ އަލުން އިސްތިއުނާފު ކުރުމަށް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

ޕެސްޓު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަށް ހައިކޯޓުން ތާއީދުކޮށްފައި ވަނިކޮށެވެ.

އެކަން ފާހަގަކޮށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، ޕެސްޓު ދޫކޮށްލާފައިވަނީ މަތީ މަރުހަލާގެ ކޯޓަކުން ނިންމި ނިންމުންތަކާއި ހިލާފަށް ކަމަށެވެ. ހަމައެހެންމެ ދައުލަތުން ވަނީ، ޝަރީއަތް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދުކުރުމުގެ އަމުރެއް ނެރުމަށް އެދިފަ އެވެ. ޕެސްޓު ދޫކޮށްލީ ކޮން ސަބަބަކާއި ގުޅިގެންކަން ސާފު ނުވުމާއި ގުޅިގެން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުން އޭނާއަށް ކުރި އަމުރު ބާތިލްކޮށްފަ އެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން ޕްސްޓު ބަންދުކުރީ މިދިޔަ އަހަރުގަ އެވެ.

ޕެސްޓްގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުންކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމުގެ ދައުވާކޮށްފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ޕެސްޓުގެ މައްޗަށް އަންނާނެ އެވެ.