ނުވަދިހައިގެ އަހަރުތަކުގައި ފިލްމީ ސިނަމާތަކުގައި ރަނިކަންކުރި ރަވީނާ ޓަންޑަންގެ އަންހެން ދަރިފުޅުގެ ފޮޓޯތަކެއް އޭނާ ހިއްސާކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ރަވީނާ ހިއްސާކުރި އެ ފޮޓޯތަކުގައި އޭނާ ވަނީ، އަންހެން ދަރިފުޅު ރަޝާ ތަދާނީގެ ކުޑައިރުގެ ގިނަ ފޮޓޯތަކެއް އާންމުންނާ ހިއްސާކޮށްފަ އެވެ. އޭނާ އެފޮޓޯތައް ހިއްސާކުރީ ރަޝާގެ 17 ވަނަ އުފަން ދުވަހުގެ މުނާސަބަތުގަ އެވެ.

ގިނަ ބަޔަކު އެ ފޮޓޯތަކަށް ކޮމެންޓު ކުރަމުން ވަނީ ދެމައިންނަށް ވެސް ތައުރީފުކޮށްފަ އެވެ. އަދި ރަޝާ ބޮޑަށް ވައްތަރީ އޭނާގެ މަންމަ، ރަވީނާގެ ޒުވާން ދުވަސްވަރާ ކަމަށް ފޭނުން ބުނެފައިވެ އެވެ.

ފޮޓޯތައް ހިއްސާކުރިއިރު، ކެޕްޝަންގައި ރަވީނާ ވަނީ ކަޅު ކުލައިގެ ގިނަ ހިތްތަކެއް ލާފަ އެވެ.

ފަހަކަށް އައިސް ރަވީނާ އެންމެ ބޮޑަށް ފެނިގެންގޮސްފައި ވަނީ ރިއަލިޓީ ޝޯތަކުގެ ފަނޑިޔާރުކަން ކުރަނިކޮށެވެ. ނަމަވެސް އެތައް އަހަރުތަކަކަށްފަހު އަނެއްކާ ވެސް ރަވީނާ ސްކްރީނުން ފެނިގެންދާނެ އެވެ.

ރަވީނާގެ ކުރިއަށް އޮތް ފިލްމު "ކޭޖީއެފް ޗެޕްޓާ 2" ގައި ރަވީނާ ފެނިގެން ދާނީ ނެގެޓިވް ރޯލަކުން ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. އޭގެ އިތުރުން މަނީޝް ގުޕްތާގެ ފިލްމެއްގައި ވެސް ރަވީނާ ފެނިގެންދާއިރު، އޭގައި ރަވީނާ ކުޅެފައިވާ ރޯލާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.