މިއަދުގެ ދުނިޔޭގައި ކުނީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. ދުނިޔޭގައި އުފައްދާ ކުނީގެ މިންވަރު އިތުރުވަމުން ދާއިރު މިކުނިން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރަން ޖެހެ އެވެ.
ފިލޕީންސްއަށް ނިސްބަތްވާ މި ފެޝަން ޑިޒައިނަރަކީ ކުނީގެ މައްސަލައަށް ފަރުދީ ހައްލެއް ހޯދަން މަސައްކަތްކުރާ ފަންނުވެރި އެކެވެ.
ލެނޯރާ ބުއެންވެއިޖްއަކީ ބޭނުން ނުކޮށް އެއްލާލާ ކުނިން ތަފާތު ވައްތަރުގެ ރީތި ހެދުންތައް ފަރުމާކުރާ ޑިޒައިނަރެކެވެ. އޭނާގެ ކޮންމެ ޑިޒައިނަކީ ވެސް އެކި ކަހަލަ ކުނި ރީސައިކަލް ކޮށްގެން ތައްޔާރުކުރާ ހެދުމެކެވެ.
އެގޮތުން ޕެކެޓު ކޮތަޅާއި ގޯނި ފަދަ ކުންޏަކީ އޭނާގެ ޑިޒައިންތަކުގައި އާއްމުކޮށް ބޭނުންކުރާ ބާވަތްތައް ކަމަށް ލެނޯރާ ބުންޏެވެ.
ލެނޯރާ ބުނި ގޮތުގައި އޭޝިއާ ސަރަހައްދުގައި އުފައްދާ ކުނީގެ 80 ޕަސެންޓަކީ އަލުން ބޭނުން ކުރެވޭ ފަދަ ކުންޏަށް ވީއިރު އެކުނި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަކީ އޭނާގެ މަސައްކަތުގެ މަގްސަދެވެ.
ލެނޯރާ މި މަސައްކަތް ކުރާތާ ހަތް އަހަރު ވެފައިވާއިރު މިކަމުން އެކަށީގެންވާ އާމްދަނީއެއް ލިބޭ ކަމަށް އޭނާ ބުނެ އެވެ. އެގޮތުން ހުރިހާ އުމުރެއްގެ މީހުންނަށްވެސް އޭނާ ހެދުން ފަރުމާ ކޮށްދެނީ 30 ޑޮލަރާއި 50 ޑޮލަރާ ދެމެދުގެ އަގަކަށެވެ.
"އަހަރެންގެ އަގުތަކަކީ ކޮންމެ ފަންތިއެއްގެ މީހަކަށް ވެސް ގަނެވޭނެ ފަދަ އަގުތަކެއް" ލެނޯރާ ބުންޏެވެ.
ލެނޯރާ އިތުރަށް ބުނީ މި މަސައްކަތަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި އޯޑަރުތައް ވެސް މެދު ނުކެނޑި ލިބެމުންދާ ކަމަށެވެ.
ކުނީގެ މައްސަލަ ބޮޑުވެފައިވާ މިއަދުގެ މުޖުތަމައުގައި މިފަދަ އާ ޚިޔާލުތަކަކީ ދެމެހެއްޓެނިވި ތަރައްގީއަށް ވަރަށް މުހިއްމު ކަމެކެވެ.