ޔޯގަޓަކީ އާންމުކޮށް ޑައިޓެއްގައި ހިމަނައިގެން ކާން ބޭނުން ކުރާ އެއްޗެއް ނަމަވެސް، އޭގައި އެކުލެވޭ މާއްދާތަކަކީ ހަންގަނޑަށް ވެސް ފައިދާހުރި އެއްޗެކެވެ.

ކެއުމުގެ އިތުރުން ގައިގެ ހަންގަނޑަށް ބޭނުންކުރާ ގުދުރަތީ ކޮސްމެޓިކް އެއްގެ ގޮތުގައި ވެސް ޔޯގަޓް ބޭނުން ކުރެވިދާނެ އެވެ. ޔޯގަޓްގައި ވިޓަމިން ޑީ، ކެލްސިއަމް، ޕްރޮޓީން އެކުލެވެ އެވެ. މީގެ އިތުރުން ޔޯގަޓް އަކީ މޫނުގައި މަރުވެފައި ހުންނަ ސްކިން ސެލްސްތައް ނައްތާލައި މޫނު އަލިކޮށްދޭނެ އެއްޗެކެވެ. ނާޒުކު ހަމަށް ވެސް ޔޯގަޓް ބޭނުން ކުރެވޭނެ އެވެ.

އެގޮތުން ޔޯގަޓް ފޭސް މާސްކަކީ މޫނުގެ ހަންގަނޑަށް ގިނަ ބަދަލުތައް ގެނުވާ އެއްޗެކެވެ. އެއިން މޫނުގެ ހަންގަނޑު މަޑުވެ ތާޒާ ވާނެ އެވެ.

މޫނުގައި ހުންނަ ލަކުނުތައް ފިލުވައިލުމަށް ވެސް ޔޯގަޓް އަކީ ހައްލެކެވެ. މީގެ އިތުރުން ޔޯގަޓް އަކީ ހަންގަނޑު އަލިކޮށްދީ، ހަމުގެ މައްސަލަތަކަށް ވެސް ހައްލު ގެނެސްދޭނެ އެއްޗެކެވެ.

އިރުގެ އަވިން މޫނުގެ ހަންގަނޑަށް ލިބޭ ގެއްލުންތަކަށާއި ހަންގަނޑުގައި ހުންނަ "އަން އީވެން ސްކިން ޓޯންސް"ތައް ނައްތާލުމަށް ވެސް ޔޯގަޓް ބޭނުން ކުރާށެވެ.

ޔޯގަޓް ފޭސް މާސްކެއް ހެދުމަށްޓަކައި ޕްލެއިން ޔޯގަޓް މޫނުގައި ބޯކޮށް އުނގުޅުމަށްފަހު ވިހި މިނެޓް އުވުމުން ތާފާނާ ފެނުން ދޮވެލާށެވެ. މިއީ ގޭގައި ވެސް ހަދާލެވޭނެ ފަސޭހަ ކޮސްމެޓިކް ފޭސް މާސްކެކެވެ.