ޑޮލަރުގެ ބޮޑު މުއާމަލާތަކާ ގުޅިގެން ސްރީލަންކާގެ އަމިއްލަ ހަތަރު ބޭންކެއްގެ މެނޭޖަރުން އެގައުމުގެ އިގްތިސާދީ ކުށްތައް ތަހުގީގުކުރާ ފުލުހުންގެ ހާއްސަ ޑިވިޜަން (އެފްސީއައިޑީ) އިން ހައްޔަރުކޮށްފި އެވެ.

ލަންކާ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ ލަންކާގެ ފޯޓް ސަރަހައްދުގައި މަނީ އެކްސްޗޭންޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތަކުން، ގައުމަށް އެއްވެސް މުދަލެއް އެތެރެނުކޮށް، ގަވާއިދާ ހިލާފަށް 1 ބިލިއަން އެމެރިކާ ޑޮލަރު ގައުމުން ބޭރަށް ފޮނުވި މައްސަލައެކެވެ.

މި މުއާމަލާތް ހިންގާފައިވަނީ ބޭންކިންގް ނިޒާމުގެ ތެރެއިން އެކި ޗެނަލްތައް މެދުވެރިކޮށް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭއިރު، އެއްވެސް މުދަލެއް އެތެރެނުކޮށް މިހާ ގިނަ އަދަދެއްގެ ޑޮލަރު ބޭރަށް ފޮނުވުމުގައި ބޭންކްތަކުގެ ދައުރެއް އޮތްތޯ ބެލުމަށްޓަކައި މެނޭޖަރުން ވަނީ ހައްޔަރުކޮށްފަ އެވެ.