2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހުގީގު ކުރުމަށް މިސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވައިފި އެވެ.

އެ ކޮމިޝަން ރައީސް ސޯލިހް އުފެއްދެވީ ވެެރިކަމުގެ ފުރަތަމަ ދުވަހު ނޮވެންބަރު 17، 2018 ވީ ހޮނިހިރު ދުވަހު އެވެ. ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 14/2018 އިން އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު އުވާލައްވާފައިވާ ކަމަަށެވެ. ކޮމިޝަން އުވާލެއްވުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ސާލިހު އެސެޓް ރިކަވަރީ ކޮމިޝަން މިއަދު އުވާލެއްވިއިރު، މި ކޮމިޝަނަށް އެކަށިގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވި، ކޮމިޝަނަށްވަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި މި ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓަކީވެސް ވަކިބައެއްގެ މަސްލަހަތާއި އެއްގޮތަށް އެކުލަވާލާފައިވާ ލިސްޓެއްކަމުގެ ތުހުމަތުކޮށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައިވެސް މިކޮމިޝަނުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާކަމުގެ ތުހުމަތުވެސް ފަހަކަށް އައިސް އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ގިނަބަޔަކު ކޮށްފަައިވެ އެވެ. އަދި އެ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހުރި ތަންތަންވެސް އެ ކޮމިޝަނަށް ބަޔާންކޮށްދެވިފައިނުވެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އުފައްދާފައިވާ މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް މިދިޔަ އަހަރުގެ ނިޔަލަށް 15.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. މި ދެ ކޮމިޝަނަށް ކުރި ހަރަދުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ހަަރަދެއް ކޮށްފައިވަނީ ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށެވެ. އެގޮތުން 2018 އިން ފެށިގެން މިދިޔަ ނޮވެމްބަރުު މަހުގެ ނިޔަަލަށް އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުންގެ މުސާރަ އަށް 9.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ