ރާއްޖޭގައި އިސްލާމިކް މިނިސްޓްރީން ކަނޑައެޅި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދު ބަދަލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރު މުދަލު ޒަކާތުގެ އަދަދު ކަނޑައަޅާ މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި 7،241.15 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ޖުމްލަ 9.9 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެ އެވެ. މިއަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ ހަތް މިލިއަން ރުފިޔާ އެވެ. އަދި 2.9 މިލިއަން ރުފިޔާ ފެބްރުއަރީ މަހުގައިި ލިބިފައިވެ އެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ އަދަދު އޭޕްރިލް މަހު ކަނޑައަޅާފައިވާއިރު، އޭރު މުދަލު ޒަކާތުގެ ނިސޯބުގެ އަދަދަކީ 6،961.50 ރުފިޔާ އެވެ. އަދި އެއަށްފަހު އޮގަސްޓުމަހު ކަނޑައެޅި ނިސޯބުގެ އަދަދަކީ 6،878 ރުފިޔާ އެވެ.

އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 90.6 މިލިއަން ރުފިޔާ އެވެ.

އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކޭއިރު، މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރޭ ކޮންމެ މީހަކަށް އަދާކުރުން ފަރުޟު ކަމެކެވެ.