2023 ވަނަ އަހަރު ނެރުނު އަދި ބޮކްސް އޮފީހުގައި ތާރީހީ ކާމިޔާބީއެއް ހޯދި ފިލްމު "ބާބީ"ގެ ދެވަނަ ބައެއް ނެރުމާމެދު ސުވާލު އުފެދިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުން، "ބާބީ 2"ގެ މަސައްކަތް ހުއްޓާލުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މީގެ މައިގަނޑު ސަބަބަކީ ފިލްމުގެ އެންމެ މުހިންމު ފަރާތްތަކާއެކު ފައިސާގެ އެއްބަސްވުމަކަށް އާދެވިފައި ނުވުމެވެ.
ފިލްމު އުފައްދާ ކުންފުނި ކަމަށްވާ ވާނާ ބްރޯސްއަށް ފިލްމުގެ މައިގަނޑު ތަރިންނާއި، ޑައިރެކްޓަރު އަދި ބްރޭންޑްގެ ވެރިފަރާތާއެކު މާލީ ގޮތުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
މުސާރައާއި އާމްދަނީ ބެހުމުގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވިގެން އުޅޭ މައިގަނޑު ފަރާތްތަކުގެ ތެރޭގައި ފުރަތަމަ ފިލްމުގެ ލީޑް އެކްޓްރެސް އަދި ޕްރޮޑިއުސަރު މާގޯޓް ރޮބީ އާއި، ފިލްމުގެ ބޮޑު ކާމިޔާބީގެ ފަހަތުގައިވާ ހުނަރުވެރި ޑައިރެކްޓަރު ގްރެޓާ ގާވިގް ހިމެނެ އެވެ.
މީގެ އިތުރުން ފިލްމުގައި 'ކެން' ގެ މަޝްހޫރު ރޯލު ކުޅުނު އެކްޓަރު ރަޔަން ގޯސްލިންގ އާއި، ބާބީ ބްރޭންޑްގެ ވެރި ފަރާތް ކަމަށްވާ ކުޅޭ ތަކެތި އުފައްދާ ބައިނަލްއަޤްވާމީ ކުންފުނި މެޓެލް އާއެކު ވެސް ވާނާ ބްރޯސްއަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
ބާބީގެ ފުރަތަމަ ފިލްމަކީ މުޅި ދުނިޔޭގެ ބޮކްސް އޮފީހުގައި 1.4 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ތާރީހާ ކާމިޔާބީއާ ގުޅިގެން، މާގޯޓް ރޮބީ، ގްރެޓާ ގާވިގް އަދި ރަޔަން ގޯސްލިންގ ފަދަ ތަރިންގެ މުސާރައިގެ ޑިމާންޑުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
މީގެ އިތުރުން ބާބީ ބްރޭންޑްގެ މިލްކުވެރި ފަރާތް ކަމަށްވާ މެޓެލްއިން ވެސް ފިލްމުގެ ފައިދާއިން ބޮޑު އިންސައްތައަކަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނަމަވެސް، ވާނާ ބްރޯސްއިން ބޭނުންވަނީ ފިލްމުގެ ޕްރޮޑަކްޝަން ބަޖެޓު ވަކި މިންވަރެއްގައި ހިފެހެއްޓުމަށެވެ. އެހެންކަމުން، ދެފަރާތަށް އެއްބަސްވެވޭ ފަދަ މާލީ މިންގަނޑަކަށް އާދެވިފައި ނުވާތީ، ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދެވި ވަނީ މަޑުޖެހިފަ އެވެ.
މިހާތަނަށް ރަސްމީކޮށް ފިލްމު ކެންސަލްކުރިކަން ވާނާ ބްރޯސްއިން އިއުލާންކޮށްފައި ނުވި ނަމަވެސް، މި އެއްބަސްވުންތަކަށް ނާދެވި ދިގުލައިގެންދާނަމަ، "ބާބީ 2" އެއްކޮށް ހުއްޓާލުމުގެ ބިރު ވަރަށް ބޮޑެވެ.
މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބާބީގެ ފޭނުންނަށް ދެވަނަ ފިލްމެއް ފެނުމުގެ އުއްމީދު މިވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ.
ދިދަ ނެގުމާއެކު ގައުމީ ދުވަހުގެ ހާއްސަ ހަރަކާތްތައް ފަށައިފި
އަންހެނުން ދެކެ ވާ ލޯބިން "ތާޖް މަހަލް"އެއް ބިނާ ކޮށްދީފި