ރޭގަނޑު ނުނިދާ އުޅޭނަމަ އުމުރު ކުރުވުމާ ގުޅުމެއްވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ކްރޯނޯބަޔޮލަޖީ އިންޓަނޭޝަނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާ ހަދާފައިވަނީ އެމެރިކާގެ ނޯތްވެސްޓާން ޔުނިވާސިޓީގެ ފެއިންބާގް ސްކޫލް އޮފް މެޑިސިން އާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ސަރީގެ ދިރާސާވެރިންނެވެ.

އުމުރުން 38 އަހަރާއި 73 އަހަރުގެ 433،268 މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާގައި ހަ އަހަރާއި ހަ މަސް ދުވަސް ވަންދެން ކުރިއަށް ގެންދިޔައެވެ. އަދި އެ މުއްދަތުގައި އެމީހުން ނިދާ އުޅުނު ގޮތާއި މުއްދަތުގެ ތެރޭގައި ދިރާސާގައި ބައިވެރިވި މީހުން މަރުވި އަދަދު ބަލަހައްޓާފައިވެ އެވެ.

ނަތީޖާ ނަތީޖާ ދެއްކި ގޮތުގައި، ރޭގަނޑު ނުނިދާ އުޅޭ މީހުންގެ އުމުރު ކުރުވުމުގެ ފުރުސަތު 10 ޕަސެންޓް އިތުރެވެ.

ލަހުން ނިދާ މީހުންނަށް ހަކުރު ބައްޔާއި ތަފާތު ނާރުތަކުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވުމައި ސްޓްރެސްވެ، މީހާގެ ދިފާއީ ނިޒާމު ބަލިކަށި ކޮށްލައި ތަފާތު ވައްތަރުގެ އިންފެކްޝަންތަކަށް ހަށިގަނޑު ފަސޭހައިން ހުށަހެޅުމުގެ ފުރުސަތު އިތުރުވާ ކަމަށް ވެސް ދިރާސާއިން ވަނީ ދައްކައިފައެވެ.

އޭގެ އިތުރުންެ ރަނގަޅަށް ނިދި ނުލިބި ސްޓްރެސް ވުމުގެ ސަބަބުން ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު އަވަސްވެ، ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ވެސް އިތުރުވެ އެވެ.

ހަމައެއާއެކު ސިކުނޑީގެ މައްސަލަތައް ޖެހުމާއި ބަނޑަށް އުދަނގޫވުމާއި ނޭވާ ލުމުގެ އުނދަގޫ ކުރިމަތިވާ ކަމަށް އެ ދިރާސާ އިން ދެއްކި އެވެ.

އެހެންކަމުން ރޭގަނޑު ހޭލާ ހުރެ މަސައްކަތް ކުރުން ރަނގަޅު ނޫން ކަމަށާއި ރަނގަޅު ގޮތަކީ ރޭގަނޑު އަވަހަށް ނިދާފައި، ހެނދުނު އަވަހަށް ހޭލުން ކަމަށް ދިރާސާގެ ލިޔުންތެރިން ބުނެ އެވެ.

ދިރާސާ ކުރިއަށްގެންދިއުމުގައި ބައިވެރިވި ލިޔުންތެރިއަކު ބުނެފައިވަނީ ސިއްހަތާއި ގުޅުންހުރި މިފަދަ ބޮޑު ހޯދުމެއް ހޯދުމުން މިކަމާ އަޅާނުލާ ދޫކޮށްލަން ހެޔޮ ނުވާނެ ކަމަށެވެ.