އިސްތަށިގަނޑުން ގޮށް ފިލުވުމަކީ ގިނަ އަންހެނުންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމެކެވެ. ހާއްސަކޮށް ބޯ އަދި ބުޅި އިސްތަށިގަނޑެއްގެ ވެރިއެއް ނަމަ މިކަމުގައި ކުރިމަތިވާ އުނދަގޫތައް ވަކިން ގިނަ އެވެ. މި ލިޔުމުގައި މި ބަލާލަނީ އިސްތަށިގަނޑުން ގޮށް ފިލުވަން ފަސޭހަވާނެ ބައެއް ގޮތްތަކަށެވެ.

ކާށިތެޔޮ

މިއީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ އަދި އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. ކާށި ތެލުން އިސްތަށިގަނޑު އޮމާންކޮށްދީ އިސްތަށިގަނޑަށް ވިދުން ގެނެސްދޭއިރު ތަޖުރިބާކާރުން ބުނާގޮތުގައި ކާށި ތެލުން އިސްތަށިގަނޑުގައި ހެދޭ ގޮށް ފިލުވުމަށް އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު ނިދުމުގެ ކުރިން އިސްތަށިގަނޑުގެ ގޮށް ޖެހިފައި ހުރި ހިސާބުގައި ކާށި ތެޔޮ ހޭކުމަށް ފަހު ހެނދުނު ހޭލައިގެން އިސްތަށިގަނޑު ދޮވެލުމެވެ.

ލުނބޯ ހުތް

ލުނބޯ ހުތަކީވެސް އިސްތަށިގަނޑުން ގޮއް ފިލުވުމަށް ބޭނުންކުރެވިދާ މުހިންމު އެއްޗެކެވެ. މިގޮތުން ދެތަށި ފެނަށް ތިން ސަމްސާ ލުނބޯ ހުތް އެޅުމަށްފަހު އިސްތަށިގަނޑުގައި ހާކައި 20 މިނެޓު މަޑު ކުރުމަށްފަހު އިސްތަށިގަނޑު ދޮވެލުމުން ގޮށްތައް އިސާހިތަކު ފިލައިގެން ހިގައިދާނެ އެވެ.

މެޔޮނައިސް

މެޔޮނައިސް އަކީވެސް އިސްތަށިގަނޑުން ގޮށް ފިލުވުމަށް މިހާރަކަށް އައިސް ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. މިގޮތުން މެޔޮނައިސްއިން އިސްތަށިގަނޑުގެ ހެދޭ ގޮށްތަކުގެ ތެރޭގައި ހުންނަ މާއްދާތައް ނައްތާލަދޭއިރު، މެޔޮނައިސް ހާކައި ކުޑަ ވަގުތުކޮޅަކަށް ބެހެއްޓުމަށްފަހު ފުނަލަކުން އިސްތަށިގަނޑުގެ ގޮށްތައް ފިލުވުމަށް މަސައްކަތް ކުރުން ރަނގަޅުވާނެ އެވެ.