ހިޔާ ފްލެޓްތަކުން އުކާލާ ގާކުނޑި އާއި އެހެނިހެން ކުނިތައް ހުޅުމާލޭ ބަލަހައްޓަމުން އަންނަ އެޗްޑީސީން ނަގަމުން އައި ނަމަވެސް އަންނަ މަހުން ފެށިގެން އެކަން ހުއްޓާލާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލުގައި ބުނެފައިވާ ގޮތަށް، ހިޔާ ފްލެޓްތަކުގައި މަސައްކަތް ކުރަމުންދާ ގޭބިސީން އުފެދޭ ގާކުނި އަދި އެފަދަ އެހެނިހެން ކުނި އުކުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅި، އެކުނިތައް އުކާލުމުގެ އިންތިޒާމް ބެލެެހެއްޓީ އެ ކުންފުނިން ކަމަށެވެ. ނަމަވެސް، މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ހުއްޓާލުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގާކުނޑިތަކާއި އެފަދަ އެހެން ކުނިތައް އުކާނީ އެ ފްލެޓެއްގެ ވެރިފަރާތަކުން އެކަމަށް ހާއްސަކޮށްފައިވާ މުއައްސަސާތަކާ ގުޅިގެންނެވެ.
"އެހެންކަމުން އެޕްރީލް އެކަކުން ފެށިގެން މިދެންނެވި ސަރަހައްދުތަކުން [މިހާރު ގާކުނޑި އެޅުމަށް ހާއްސަކޮށްފައި ހުރި ސަރަހައްދުތައް] އަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅައި އެކަން އާންމުކޮށް އިއުލާންކުރަމެވެ،" އެ އިއުލާނުގައިވެ އެވެ.
ފްލެޓްގެ މަސައްކަތް ނިންމުމަށް ކުރާ މަސައްކަތުން އުފެދޭ ކުނިތައް ނެގުން އެޗްޑީސީން ހުއްޓާލަން ނިންމިއިރު ފްލެޓްތަކުގެ ފިނިޝިންނަށް ކުލި ނުނަގާ ގޮތަށް ސަރުކާރުން ދިން މުއްދަތު ވެސް މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.