ދަރަނި ދެއްކުން އަންނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ގައުމުތަކަށް ގޮވާލުމަށް ޖީ77 ގެ ގައުމުތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝާހިދު އެކަމަށް ގޮވާލެއްވީ ޖީ 77 އާއި ޗައިނާގެ ޚާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމުގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ "ކޮވިޑް 19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮވިޑް ގެ ސަބަބުން އެޅިފައިވާ ހުރަސްތައް"، މި ޝިއާރުގެ ދަށުން މިއަހަރުގެ ޖީ77 ޕްލަސް ޗައިނާ ބައްދަލުވުން ބޭއްވީ ވާޗުއަލްކޮށް ކަމަށެވެ. މި ބައްދަލުވުމުގައި ޖީ77 އާއި ޗައިނާގެ މެމްބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް19 ގެ ބަލިމަޑުގައި މަލްޓިލޭޓަރިޒަމްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި "ސަޕްލައި އެންޑް ޑިމާންޑް" އަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެއާއެކު ފަގީރުކަން އިތުރުވެ، އާމްދަނީގެ ފަރަގު އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަން ޝާހިދު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ ޖީ-20 ގެ ގައުމުތަކުން އިސްނަގައިގެން ފެށި ޑެޓް ސާވިސް ސަސްޕެންޝަން އިނީޝީއޭޓިވްއަށް މަރުޙަބާ ވިދާޅުވެފަ އެވެ.

ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ޤައުމުތަކަށް ގޮވާލުމަށް ޖ-77 ގެ ގައުމުތަކަށް މިނިސްޓަރު ޝާހިދު ގޮވާލެއްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ޝަރުތުތަކެއް އެކުނުލެވޭ، މާލީ އިތުރު އެހީތެރިކަން ތަރައްޤީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމަށް ޖީ77 އިން ގޮވާލާފައިވާ ގޮވާލުން ޝާހިދު ވަނީ ތަކުރާރުކުރައްވާފަ އެވެ.

މީގެ އިތުރުން މާލީ އިދާރާތަކުންނާ ޑިވެލޮޕްމަންޓް ބޭންކްތަކުން ކޮންސެޝަނަލް ފައިނޭންސިން ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށް ޖީ77 އިން ބާރުއެޅުމަށް ވެސް މިނިސްޓަރު ޝާހިދު ގޮވާލެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޖީ-77 ގެ ގައުމުތަކުން އެއް ގައުމުން އަނެއް ގައުމަށް ވެދިން އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ތައުރީފް ކުރެއްވިއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކި ގައުމުތަކުގައި ފުރަބަންދުތަކުގެ ސަބަބުން އަނިޔާގެ ރިޕޯޓްތައް އިތުރުވިކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ. އަދި އަނިޔާގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާ ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑްތަކުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަމެއް ދޭކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި 2030 އެޖެންޑާ ހާސިލްކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ. ގްރޫޕް އޮފް 77 އެންޑް ޗައިނާއަކީ ތަރައްޤީވަމުން އަންނަ އދގެ މެމްބަރު 134 ގައުމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަންއެކެވެ.