"ކާޗާ ބަދާމް" ލަވައަކީ މީގެ ދުވަސްތަކެއް ކުރިން އިންޑިއާގެ އިތުރުން އިންޑިއާގެ އަވަށްޓެރި ގައުމުތަކުގައި ވަރަށް ހިނގި ލަވައެކެވެ.

ސޯޝަލް މީޑިއާގައި އެ ލަވަ ދައުރުވުމަށްފަހު، ގިނަ ބައެއްގެ މެދުގައި އެލަވަ މަޝްހޫރުވެ ޓިކްޓޮކްގައި ލަވައިގެ ލިޕްސިންނާއެކު ވީޑިއޯ ވެސް ކުޅެފައިވެ އެވެ.

ނަމަވެސް އެލަވަ އާންމުންނާ ހަމައަށް އައީ އުންމީދު ކެނޑިގައި އޮއްވައި ކަމަށް އެ ލަވަކިޔާފައިވާ ލަވަކިޔުންތެރިޔާ ބޫބަން ބަޑިޔަކަރް ވަނީ ބުނެފަ އެވެ.

ބޫބަން ބުނާ ގޮތުގައި މީގެ ކުރިން ގިނަ ބަޔަކު ވަނީ، އޭނާ ލައްވައި ލަވަ ކިޔުއްވައި، އެ ލަވަ އަލްބަމަކަށް ހަދައިދޭނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަން ފާހަގަކޮށް ބޫބަން ބުނީ، މީހަކު އެއްދުވަހު އޭނާ ކައިރި އެލަވަ ކިޔުމުން ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްދޭނެ ކަމަށް ބުނެ، އޭނާ ލައްވައި ލަވަ ކިޔުއްވި ކަމަށެވެ.

އެ ލަވަ ސޯޝަލް މީޑިއާއަށް ލުމުން ވައިރަލް ވެގެންދިޔައީ އޭނާ ހީވެސް ނުކޮށް ހުއްޓައި ކަމަށް ބޫބަން ބުނެފައިވެ އެވެ.

މުދަލާއި އެހެނިހެން ތަކެތި ވިއްކާއިރު ޅެމާއި، ލަވަ ކިޔުމަކީ އެކި ގައުމުތަކުގައި ވެސް އޮންނަ ތާރީހީ ސަގާފަތެކެވެ. ނަމަވެސް އެމަންޒަރު މިހާރަކަށް އައިސް ފެންނަނީ މަދުފަހަރެއްގަ އެވެ.